20 Feb 2012, 17:27
އައްޑޫ ޕޮލިސް ސްޓޭޝަންތަކަށާއި ކޯޓުތަކުގައި ހުޅުޖަހައި މި މަހުގެ އަށް ވަނަ ދުވަހު ހިންގި ހަމަ ނުޖެހުމާ ގުޅިގެން ފުހުން ކުރަމުންދާ ތަހުގީގަށް 106 މީހަކު ހައްޔަރުކޮށް އޭގެތެރެއިން 80 މީހަކު ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ އައްޑޫ ޕޮލިސް ސްޓޭޝަނާއި އެހެން ބައެއް ތަންތަން ރޯކޯށްލާ ހިންގި ހަމަނުޖެހުމާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް ބޭނުންވާ ފަރާތްތައް މިހާރު ވެސް ހައްޔަރުކުރަމުން ގެންދާކަމަށާއި ރޭ ދަންވަރުގެ ވަގުތެއްގައި އައްޑޫ ސިޓީގެ ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ އައްޑޫގައި ހިންގި ހަމަ ނުޖެހުމާ ގުޅިގެން މީގެކުރިން ފުލުހުން ހައްޔަރުކޮށްފައިތިބި ހަތަރު ކައުންސިލަރުންގެ ތެރެއިން ތިން ކައުންސިލަރަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އެހެން ނަމަވެސް މި މަހުގެ ނުވަ ވަނަ ދުވަހު ހައްޔަރުކުރި ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދު މިހާރު ވެސް ހުރީ ގޭގެ ބަންދުގައި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ކުރީ ސަރުކާރު ބަދަލުވުމާ އެކު އައްޑޫގައި ހިންގި ހަމަ ނުޖެހުމުގައި ޕޮލިސް ސްޓޭޝަންތަކާ ކޯޓުތައް އެކީއެކަށް އަންދާލި މައްސަލައިގެ ތަހްގީގުގަށް ފުލުހުން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ކުރީގެ ރައީސް މުހަންމަދު ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.