14 Jul 2010, 10:23
14:30
ގުއަންޓަނާމޯބޭ ޖަލުން ރާއްޖެއަށް ގައިދީން ގެނައުމާބެހޭ އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރެވޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކިއުބާގައި ހުރި، އެމެރިކާގެ ގުއަންޓަނާމޯބޭ ޖަލުން ރާއްޖެއަށް ގައިދީންތަކެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ދިރާސާ ކުރުމަށްފަހު ކަމާބެހޭ ރިޕޯޓް މަޖިލީހަށް ހުށަހަޅައި، ފުޅާ ދާއިރާއެއްގައި ކުރި ބަހުސްގައި، އެފަދަ އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކުރަންޖެހޭނީ މަޖިލީހަށް ހުށަހަޅައި ރުހުން ހޯދައިގެން ކަމަށް، މެންބަރަކު ހުށަހަޅުއްވާފައި ވާތީ، މަޖިލީހުން އެގޮތަށް ފާސްކުރަން ފެނޭތޯ ވޯޓަށް އެއްސެވުމުން، ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 43 މެންބަރުން ވޯޓު ދެއްވައިގެން އެ ހުށަހެޅުން ފާސްކުރެއްވި އެވެ. ނަމަވެސް އެ ގޮތަށް ނުފެންނަ ކަމަށް، 28 މެންބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.
މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ، ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ ވިދާޅުވީ، އެ ހުށަހެޅުމަށް ވޯޓަށް ނޭއްސެވޭނެ ކަމަށެވެ.
ނަމަވެސް ގާނޫނީ ނުކުތާތައް ފާހަގަކުރައްވަމުން މި ހުށަހަޅުއްވުމަށް ވޯޓަށް އެއްސެވޭނެ ކަމަށް ވިދާޅުވެ، އެ ހުށަހެޅުން އިއްވަވައިދެއްވުމަށް އަމީން އާއްމު އަހްމަދު މުހައްމަދުގެ ކިބައިން އެދިވަޑައިގެން، ޝާހިދު ވަނީ ވޯޓަށް އެއްސެވުން ކުރިއަށް ގެންދަވައިފަ އެވެ.