ގައުމީ ފުޓްބޯޅަ ޓީމަށް މިހާރަށް ވުރެ ބޮޑަށް އެހީތެރިކަން ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އޭއެފްސީ ޗެލެންޖް ކަޕްގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މިހާރު ގައުމީ ޓީމުގެ ކުޅުންތެރިންނަށް އިނާޔަތެއް ދެއްވުމުގެ ކަންތައްތައް އަލުން ފަށްޓަވަން ގަސްދުކުރައްވާ ކަމުގައި ވިދާޅުވި އެވެ.

ފުޓްބޯޅައަކީ ހުރިހާ ދިވެހިން އެންމެ ލޯބިވާ ކުޅިވަރު ކަމާއި މި ކުޅިވަރަށް ހިތްވަރުދީ ކުރިއަށް ގެންދިޔުމަށް، ދިވެހި ގައުމު އޮތީ އެއްވެސް ތަފާތު ކަމެއް ނެތި ހުރިހާ އެންމެން އެއްގަލަކަށް އަރައި، އެކުވެރިކަމާ އެކީގައިކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ހުރިހާ ދިވެހިންގެ އުންމީދުތައް ވަނީ ފުޓުބޯޅަ ޓީމާ އެކުގައި ކަމަށް ރައީސް ވިދާޅުވަމުން، މިމުބާރާތުގައި މޮޅަށް ކުޅެ ކާމިޔާބު ހޯދުމަށް ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވި އެވެ.