03 Aug 2021, 09:22
ނ. ކުޑަފަރީގައި ދިރިއުޅޭ ރަށްވެހިންގެ ތެރެއިން އުމުރުން ދުވަސްވުމުގެ ސަބަބުން ތެދުވެ ނޫޅެވޭ ހާލުގައި ތިބި ފަރާތް ތަކަށް ސަރުކާރުން ހޮސްޕިޓަލް އެނދު ފޯރުވައިދީފިއެވެ.
ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް މުހައްމަދު "ސަން" އަށް ވިދާޅުވީ ކައުންސިލްގެ އުއްމީދަކީ މީގެ ސަބަބުން އެ ފަރާތްތައް، ލޯތްބާއި އަޅާލުމާއެކު ބެލެހެއްޓުމުގެ ޒިންމާ އަދާކުރަމުން ގެންދާ ފަރާތްތަކުގެ އާއިލާ ތަކަށް ލުއި ފަސޭހަ ކަމެއް ލިބުން ކަމަށެވެ.
ކުޑަފަރީގައި އުމުރުން 65 އަހަރުން މަތީގެ 40 މީހުން ތިބިއިރު އޭގެ ތެރޭގައި މިފަހަރު ހޮސްޕިޓަލް އެނދު ލިބެނީ ޖުމުލަ އަށް މީހަކަށެވެ.
އަލީ ޝަމީމް ވިދާޅުވީ މިހާތަނަށް އެނދު ފޯރުވައިދިނީ ހަތް މީހަކަށް ކަމަށެވެ. އޭގެ ތެރެއިން އެއްބޭފުޅެއްގެ އެނދު އަދި ނުލިބޭ ކަމަށާއި ނަމަވެސް އެ އެނދުވެސް މާ ލަހެއް ނުވެ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަފަރީގައި ތިބި ތެދުވެ ނޫޅެވޭ މީހުންނަށް ފޯރުވައިދޭން ގެންދިޔަ ހޮސްޕިޓަލް އެނދުތައް ގޭގެއަށް ގެންދަނީ -- ފޮޓޯ/ ކައުންސިލް
"އެނދުމަތީގަ ތިބޭތާ ފަސް އަހަރު ހަ އަހަރު ވެފަ ތިބި ފަރާތްތައް ކުޑަފަރީގަ އެބަތިބި. އެ ފަރާތްތަކަށް ހޮސްޕިޓަލް ބެޑް ފޯރުކޮށްދިނީ. ފަސް ފަރާތަކާ މިއަދު މި ހަވާލު ކުރީ. ޖުމުލަ އަށް ފަރާތެއް ތިބީ މިފަހަރު ބެޑް ލިބޭ. އަދި އެއްބޭފުޅެއްގެ ބެޑް އަޅުގަނޑުމެންނާ ހިސާބަކަށް ނުލިބެ. އެ ފަރާތްތަކަށް ވަރަށް އަވަހަށް ބެޑް ލިބޭނެ. މިހާރު ވާނީ ޕާޗޭސް އޯޑަރ ފޮނުވާފަ. ނަމަވެސް ޑެލިވަރީގަ ކުޑަ ވަގުތުކޮޅެއް އަދި ނަގާނެ،" އަލީ ޝަމީމް ވިދާޅުވި އެވެ.
އަލީ ޝަމީމް ވިދާޅުވީ މިއީ ކައުންސިލުން ދާއިމީކޮށް ކުރިއަށް ގެންދާނެ ޕްރޮގްރާމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މުސްތަގުބަލުގައިވެސް ކައުންސިލުން ދާނީ ރަށުގައި ތިބި ދޮށީ އުމުރު މީހުންގެ ގޭގެއަށް ޒިޔާރަތްކޮށް، އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ފޯރުކޮށްދެމުން ކަމަށެވެ.

ކުޑަފަރީގައި ތިބި ތެދުވެ ނޫޅެވޭ މީހުންނަށް ފޯރުވައިދޭން ގެންދިޔަ ހޮސްޕިޓަލް އެނދުގެ ތެރެއިން އެނދެއް ގެއަކަށް ވައްދަނީ -- ފޮޓޯ ކައުންސިލް
ކުޑަފަރީ ކައުންސިލުން ބުނީ އެ މަސައްކަތް ކުރެވިފައިވަނީ ޖެންޑާ މިނިސްޓްރީ އާއި އެންސްޕާގެ އެހީތެރިކަމާއެކު ކަމަށެވެ.
ކުޑަފަރީގައި ދިރިއުޅޭ ރަށްވެހިންގެ ތެރެއިން އުމުރުން ދުވަސްވުމުގެ ސަބަބުން ތެދުވެ ނޫޅެވޭ ހާލުގައި ތިބި ފަރާތް ތަކަށް ސަރުކާރުން މީގެ ކުރިންވެސް ވަނީ ވީލްޗެއާ ފޯރުވައިދީފިއެވެ.
އަލީ ޝަމީމް ވިދާޅުވީ ކައުސިލުން ގެންގުޅެނީ ކަމާ ގުޅުންހުރި ފަރާތްތަކާ އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ވަރަށް ހަރުދަނާ ސިޔާސަތެއް ކަމަށެވެ.
އެގޮތުން ކުރާ ކޮންމެ ކަމެއްގައިވެސް ޖެންޑާ މިނިސްޓްރީ އާއި އެންސްޕާ އަދި އެނޫންވެސް ކަމާ ގުޅުން ހުރި އެކި ފަރާތް ތަކުގެ އެހީތެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ކުޑަފަރީގައި އިގްތިސޯދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތްތަކުގައި ވަޒީފާ އަދާ ކުރުމެވެ.
އާބާދީގައި 860 މީހުން ދިރިއުޅޭ ކުޑަފަރީ އަކީ ދިގު މިނުގައި އެންމެ 0.6 ކިލޯމީޓަރު އަދި ފުޅާމިނުގައި 0.4 ކިލޯމީޓަރު ހުންނަ، ކުޑަ އެހެނަސް ފަރި ރަށެކެވެ.