03 Aug 2021, 08:30
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއް ހިނގަމުންދާ ކަމުގައި ގަބޫލު ނުކުރާ ކަމަށާއި އެހެންކަމުން އިދިކޮޅު ކޯލިޝަނުން ފޮނުވި ދައުވަތުގައި އިޚުލާސްތެރިކަމެއް ނެތް ކަމަށް ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހް "ސަން"އަށް ވިދާޅުވީ ޕީޕީއެމް، ޕީއެންސީން އެންމެ ފަހުން ބޭއްވި ޖަލްސާގައި ޕާޓީގެ އިސް ފަރާތްތަކުން ދެއްކެވި ވާހަތައް ދިމާނުވެ ދިޔުމަކީވެސް އެ ބޭފުޅުންގެ އިޚުލާސްތެރި ނިޔަތާމެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
"ޖަލްސާގަ އަބްދުއްރަހީމް ވިދާޅުވާ އެއްޗަކާއި އާދަމް ޝަރީފް އަރުއްވާ ވިދާޅުވާ އެއްޗަކާ ސުޖާއު ވިދާޅުވާ އެއްޗަކާ ދިމަލެއް ނުވޭ. އެހެންވީމަ އެބޭފުޅުންގެ ނިޔަތާ މެދު ސުވާލު އުފެދޭ،" އަލީ ސޯލިހް ވިދާޅުވި އެވެ.
އަލީ ސޯލިހް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން، މިހާލަތުގައި ކަނޑު މެދަށް ނުކުންނަނީ ކޮން މަގުސަދެއް ހާސިލް ކުރަންތޯ ސާފު ވާން އެބަ ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް ބުރުލެއް އަރާފަދަ ކަމެއް ބަޔަކު ކުރާނަމަ އެކަމާ އަޅާ ނުލައްވާ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނުހުންނަވާނެ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ފަށާފައިވާ "މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ކެމްޕެއިނުގައި ބައިވެރިވުމަށް އެދި އިދިކޮޅު ކޯލިޝަނުން ފޮނުވި ދައުވަތާ ބެހޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެފައިވަނީ މި ހާލަތަކީ ސަރުކާރާ ތޮޅެން، އެންމެ މުނާސަބު ވަގުތު ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ ކޮވިޑުގެ ސަބަބުން މުޅި ރާއްޖެއަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިއީ އެންމެ އަތުގުޅާލާ، ގެއްލިގެން ދިޔަ ކަންކަން އަނބުރާ ހޯދަން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ނަމަވެސް ޕާޓީއާއެކު ހަދާފައިވާ އެއްބަސް ވުމާ އެއްގޮތަށް ކަންކަން ނުދާ ކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ ކަން އެހެން އޮތް ނަމަވެސް މި ސަރުކާރާ ދެކޮޅު މަސައްކަތުގައި ބައިވެރި ވުމުގެ ޝައުގެއް އަދި ނެތް ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ފެށި ގައުމީ ކެމްޕެއިންގައި ބައިވެރި ވުމަށް ރަސްމީ ދައުވަތު ފޮނުވި ހަތަރު ޕާޓީގެ ތެރޭގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމް ހިމެނެ އެވެ.
މީގެ އިތުރުން ހަތަރު ވަނަ ޕާޓީއެއްގެ ގޮތުގައި ދައުވަތު ފޮނުވާފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށެވެ.
ޕީޕީއެމުން ބުނީ ހަތަރު ޕާޓީ އާއި އެ ޕާޓީ ތަކުގެ ލީޑަރުންނަށްވެސް މި ކެމްޕެއިންގައި ބައިވެރި ވުމަށް ދައުވަތު ފޮނުވާ ކަމަށެވެ.