މަސާޖް ޕާލާތަކުގެ ނަމުގައި ރާއްޖޭގައި ހިންގަމުން ގެންދާތަންތަނާއި ބެހޭ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް ރައްޔިތުން މިހާތަނަށްވެސް ހުށަހަޅާފައިވާ ކަމަށާއި އެތަންތަން ބަންދުކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީއާ މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން މާދަމާ ފަށާނެ ކަމަށް އިސްލާމިކް މިނިސްޓާ އައްޝައިހް މުހައްމަދު ސަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓާ ކަމުގެ މަގާމާ އަލަށް ހަވާލުވެވެވަޑައި ގެންނެވުމަށްފަހު ސަންއަށް ދެއްވި އިންޓަވިއުއެއްގައި ޝަހީމް މިއަދު ވިދާޅުވީ މަސާޖް ކޮށްދޭ ތަންތަނުގެ ނަމުގައި އެކިއެކި ނަންނަން ކިޔައިގެން ރާއްޖޭގައި ހަށިވިއްކާތަންތަން ހުޅުވައިގެން ހިންގަމުންގެންދާ ކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރާ ކަމަށާއި އެތަންތަނާ މެދު އެ މިނިސްޓްރީން ގެންގުޅޭނީ ވަރަށް ހަރުކަށި ވިއްނުމެއް ކަމަށެވެ.

"ރައްޔިތުން އެދޭގޮތަށް އަޅުގަނޑުމެން އެތަންތަން ބަންދުކުރާނަން. ތިބޭފުޅުންނަށްވެސް އިނގޭނެ 23 ޑިސެމްބަރުގެ މުޒާހަރާގައި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ވަނީ އެތަންތަން ބަންދުކުރުމަށް އެދިފައި،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސާޖް ޕާލާގެ ނަމުގައި ހިންގާ ތަންތަން ކުރިއަށްވުރެ ބޮޑަށް މާދަމާއިން ފެށިގެން ފުލުހުން ބަލާ ފާސްކުރަމުން ގެންދާނެ ކަމަށާއި ހަށިވިއްކާ ކަމަށް ފާހަގަކުރެވޭނަމަ އެތަނެއް ބަންދުކުރާނެ ކަމަށެވެ.


" އިސްލާމިކް މިނިސްޓްރީގެ ވިސްނުމަކީ ބަދުއަހުލާގީ އަމަލްތައް ހިންގަމުން ގެންދާ އެފަދަ ތަންތަން ހަމަ ބަންދު ކުރުން. އެކަންތައް ހައްލުކުރުމަށް ހެލްތް މިނިސްޓްރީއާ ފުލުހުންނާ ގުޅިގެން މަސައްކަތްކުރާނެ،" ޝަހީމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގެ ވަކި ސަރަހައްދެއް ފަޅު ރަށްރަށުގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ފަޅުރަށުގެ ގޮތުގައި ފުރަތަމަ ހަމަޖެއްސި ދެ ތަނަކީ ފުވައްމުލަކު ތުނޑީ ސަރަހައްދާއި ބިޅިފޭށި ސަރަހައްދެވެ. އަދި އެއަށްފަހު އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރު ހުރި މާކިޅި ސަރަހައްދާއި އެ ސިޓީގެ ހަންކެޑެ ސަރަހައްދު ވެސް ވަނީ ފަޅުރަށްރަށުގެ ގޮތުގައި ހަމަޖައްސާފަ އެވެ. އަދި ސަރުކާރުން އެސަރަހައްދުތައް ފަޅުކޮށްފައި ވަނީ އެތަންތަނުގައި ބަނގުރާ ވިއްކުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް ޝަހީމް ނިސްބަތްވާ އަދާލަލަތު ޕާޓީން ވަނީ ތުހުމަތުކޮށްފަ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާ ދެކޮޅަށް ކުރިންވެސް ވަރަށް ބޮޑަށް ވަކާލާތުކުރައްވަމުން ގެންދެވި ޝަހީމް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ބަނގުރާފަދަ ތަކެތި ވިއްކުމުގެ ހުއްދަ ނުދިނުމަށް މިސަރުކާރުގައި ބާރު އަޅުއްވާނެ ކަމަށެވެ. އަދި އެކަމަކީ އެ މިނިސްޓްރީން ތާއީދުކުރާނެ ކަމެއް ނޫން ކަމަށާއި ރައްޔިތުންވެސް އެއްވެސް އިރެއްގައި އެކަންކަމާ ހިތްހަމަނުޖެހޭ ކަމަށެވެ.

" މީހުން ދިރިއުޅޭ ރަށްރަށުގެ އެއްފަޅީގައި ނަމަވެސް ބަނގުރާ ވިއްކުމުގެ މައްސަލާގައި ކުރިންވެސް ރައްޔިތުން ވަނީ އެމީހުންގެ ބަސް ބުނެފައި. އެހެންވެ މިނިސްޓްރީން ރައްޔިތުން ބޭނުންވާ ގޮތަށް އެކަންތައް ކުރާނަން،" ޝަހީމް ވިދާޅުވި އެވެ.

މީގެއިތުރުން ވެސް ޑިސެމްބަރު 23 ގައި އިސްލާމްދީން ހިމާޔަތްކުރުމުގެ ނަމުގައި ބޭއްވި ގިނަ މުޒާހަރާގައި ސަރުކާރަށް ޑިމާންޑްކުރި ކަންތައްތަކަށް އިސްކަމެއް ދެއްވާނެ ކަމަށާއި އެގޮތުން ސާކް ސަމިޓާ ދިމާކޮށް އައްޑޫ ސިޓީގައި ބެހެއްޓި އެކިއެކި ދީންތައް ރަމްޒްކޮށްދޭ ފަދަ މޮނިއުމަންޓްތައް ބެހެއްޓުމަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

" އިސްލާމް ދީނުގެ އަގީދާއަށް ފުށު އަރާ ނުވަތަ އިސްލާމްދީނުގެ ޝިޔާރެއް ނޫން ގޮތަކަށް އެފަދަ އެއްވެސް އެއްޗަކަށް ރާއްޖޭގައި ޖާގައެއް ނުދޭނަން،" ކުރީ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި ޝަހީމް ވިދާޅުވި އެވެ.