02 Aug 2021, 20:41
ރާއްޖެ އަޅުވެތިކަމުން ސަލާމަތް ކުރުމަށް ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ކެމްޕެއިނާ ގުޅުމުގެ ރަސްމީ ދައުވަތު ހަތަރު ޕާޓީ އަކަށް ފޮނުވައިފި އެވެ.
އިދިކޮޅު ކޯލިޝަނުން ފެށި ގައުމީ ކެމްޕެއިންގައި ބައިވެރި ވުމަށް ރަސްމީ ދައުވަތު ފޮނުވި ހަތަރު ޕާޓީގެ ތެރޭގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމް ހިމެނެ އެވެ.
މީގެ އިތުރުން ހަތަރު ވަނަ ޕާޓީއެއްގެ ގޮތުގައި ދައުވަތު ފޮނުވާފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށެވެ.
ޕީޕީއެމުން ބުނީ ހަތަރު ޕާޓީ އާއި އެ ޕާޓީ ތަކުގެ ލީޑަރުންނަށްވެސް މި ކެމްޕެއިންގައި ބައިވެރި ވުމަށް ދައުވަތު ފޮނުވާ ކަމަށެވެ.
ހަތަރު ސިޔާސީ ޕާޓީ އަކަށް މި ފޮނުވި ރަސްމީ ދައުވަތާ ބެހޭ ގޮތުން މަޑުއްވަރީގެ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު "ސަން"އަށް ވިދާޅުވީ ކަންކަން ގޯސްވެ، މި ހާލަތަށް ވެއްޓުމުން ގައުމު ސަލާމަތް ކުރުމުގެ ނަމުގައި ގިނަ މަސައްކަތް ތަކެއް ކުރަން މިއަދު ޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ނަގަނީ އިޝޫ ބޭސްޑް ކަންތައް ތަކެއް. މި އުޅެނީ ވެރިކަމަށް އަންނަން ނޫނީ ސަރުކާރު ވައްޓާލާކަށް ނޫން. މިފަދަ ކަންކަމަށް ހުރިހާ ބޭފުޅުންވެސް ބަސް ބުނާނެ ކަމަށް ގަބޫލު ކުރެވެނީ. އެކަމުގަ އަޅުގަނޑުމެން މި އިސް ނެގީ. އެހެންވީމަ އަޅުގަނޑުމެން ދައުވަތު މި އެރުވީ އެބޭފުން ބޭނުންފުޅު ނަމަ ވަޑައިގަންނަވާށޭ އެކަމުގަ ގުޅިގެން މަސައްކަތް ކުރަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫ އަރާ ޒާތުގެ އެތައް ކަމެއް ލޯ ކުރިމަތީގައި ހިނގަމުން އަންނައިރު ސިޔާސީ ބޭފުޅުންގެ އިހްލާސްތެރި ކަމެއް ހުރެއްޖެ ނަމަ އެކުގައި ގުޅިގެން މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.