ކުއާލަލަންޕޫރު (އޮގަސްޓް 02): މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން އަކީ ވެރިކަން ކުރުމުގެ އެއްވެސް ގާބިލްކަމެއްނެތް ބޭފުޅެއް ކަމަށާ 17 މަސްދުވަސްވީ އޭނާގެ ވެރިކަމުގައި މެލޭޝިއާ ބޮޑު އަނދަވަޅަކަށް ވައްޓާލާފައިވާ ކަމަށް އެގައުމުގެ ތަރައްގީގެ ބާނީ އަދި ކުރީގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދު ވިދާޅުވެއްޖެއެވެ.

މަހާތީރު ދެއްވި ބަޔާނެއްގައި ވިދާޅުވީ މުޙްޔިއްދީން ޔާސީންގެ ވެރިކަމުގައި މެލޭޝިއާގެ ސިއްހަތާބެހޭ ނިޒާމު އެއްކޮށް ބޮއްސުންލައިފި ކަމުގައެވެ. އަދި އިގްތިސާދު މުޅިން ހީނަރުވެ ތަރައްގީގެ މަޝްރޫއުތައް ހުއްޓި ގައުމުގެ މާލީ ހާލަތު އިފްލާސްވާ ހިސާބަށް ގޮސްފައިވާ ކަމުގައެވެ. މީގެއިތުރުން މުޙްޔިއްދީން ގެ ވެރިކަމުގައި އިޖްތިމާއީ ގިނަ މައްސަލަތަކެއްވެސް މެލޭޝިޔާއަށް ދިމާވެފައިވާކަމަށާ އެކަންކަން ހައްލުކުރުމުގެ ގާބިލްކަން މުޙްޔިއްދީން ގެ ސަރުކާރުގައި ނެތްކަމަށް ވިދާޅުވެ މަހާތީރު ވަނީ ބޮޑުވަޒީރުކަމުން މުޙްޔިއްދީން ވަކިކުރުމަށް މެލޭޝިއާގެ ސިޔާސީ ޕާޓީތަކަށް ގޮވާލައްވާފައެވެ.

މުޙްޔިއްދީން ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުތައް މެލޭޝިއާގައި ގަދަވެފައިމިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން މެނޭޖް ނުކުރެވޭ މައްސަލާގައާއި ކޮވިޑްގެ ހާލަތުން ސިޔާސީ ފައިދާ ނަގާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުމާ ގުޅިގެންނެވެ. އަނެއްކޮޅުން މެލޭޝިޔާގެ ރަސްގެފާނު އަބްދުﷲގެ ސީދާ ފާޑުކިޔުއްވުންވެސް މުހްޔިއްދީންއަށް ވަނީ އަމާޒުވެފައެވެ.

ރަސްގެފާނު ގެ ނުރުހުން މުހްޔިއްދީންއަށް އަމާޒުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރަސްގެފާނުގެ މަޝްވަރާގެ މަތިން މިދިޔަ ޖަނަވަރީމަހު މުޙްޔިއްދީންގެ ސަރުކާރުން އިއުލާންކުރި ކުއްލި ހާލަތު މިދިޔަ ޖުލައިމަހު އުވާލީ ގާނޫނާ ޚިލާފަށް ކަން ބަޔާން ކުރައްވައި ދާދިފަހުން ރަސްގެފާނު ނެރުއްވި ބަޔާނެއްގައެވެ. މުހްޔިއްދީންގެ ސަރުކާރުންވަނީ ކުއްލި ހާލަތު އުވާލީ ގާނޫނާ އެއްގޮތަށްކަމަށް ބުނެ ރަސްގެފާނުގެ ބަޔާނަށް ރައްދު ދީފައެވެ.

އަންވަރު އިބްރާހީމް އާއި އޭނާގެ އަނބިކަނބަލުން ވާން އަޒީޒާ ވާން އިސްމާއީލް

މުހްޔިއްދީން ގެ ސަރުކާރުން މެލޭޝިއާގެ ރަސްގެފާނަށް ރައްދު ދިން މައްސަލައާ ގުޅިގެންނާ އަދި ކޮވިޑް ކޮންޓްރޯލް ކުރުމަށް މުހްޔިއްދީންގެ ސަރުކާރު ނުކުޅެދުމާ ކޮވިޑް ގެ ހާލަތު ސިޔާސީ ހަތިޔާރަކަށް ހަދާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މެލޭޝިއާގެ އިދިކޮޅު ޕާޓީތަކުން ގެންދަނީ މުހްޔިއްދީން އިސްތިއުފާއަށް ގޮވާލައި އޭނާއަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

މިހާރު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި އަންވަރު އިބްރާހީމްވަނީ މުހްޔިއްދީންގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް މެލޭޝިއާގެ ޕާލަމެންޓަށް މިދިޔަ ހަފްތާގައި ހުށަހަޅާފައެވެ. ނަމަވެސް މުހްޔިއްދީންގެ ނުފޫޒުގައި ޕާލަމެންޓްގެ ރައީސް ގެންދަވަނީ ޕާލަމެންޓްގެ ޖަލްސާއެއް ބޭއްވުމަށް ހުރަސްއަޅަމުންކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ޕާލަމެންޓްގެ ޖަލްސާއެއް ބާއްވައިފިނަމަ އިތުބާރުނެތްކަމުގެ ވޯޓެއް މުހްޔިއްދީންގެ މައްޗަށް ނެގޭނެކަމުގެ ޔަގީންކަން އޮތްކަން އަންވަރު އިބްރާހީމް ވިދާޅުވެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް 2019 ވަނައަހަރުގެ ފަހުކޮޅު ކުއްލި ގޮތަކަށް މުހްޔިއްދީން ވަޑައިގެންނެވީ އޭރު ބޮޑުވަޒީރަކަށް ހުންނެވި މަހާތީރު މުހައްމަދު ގެ ޕާޓީގައި މަހާތީރުގެ ނައިބެއްގެ ގޮތުގައި ހުންނެވުމަށްފަހު މަހާތީރަށް ސިޔާސީ ގޮތުން ޚިޔާނާތްތެރިވެ ވަޑައިގެން ހިންގެވި ސިޔާސީ ހަރަކާތްތަކެއްގެ ތެރެއިންނެވެ.

މަހާތީރުގެ ބެރުސާތު ޕާޓީގެ ބައެއް ޕާލަމެންޓް މެންބަރުންނާ ގުޅިގެން މުހްޔިއްދީން ހިންގެވި ސިޔާސީ އެ ހަރަކާތްތަކާ ގުޅިގެން މަޖްބޫރުވެ ވަޑައިގެން މަހާތީރު މަގާމުން އިސްތިއުފާ ދެއްވުމުން ވަރަށް ފަސޭހައިން މުހްޔިއްދީން ބޮޑުވަޒީރުކަން ހޯއްދެވިއެވެ.

މުހްޔިއްދީން ބޮޑުވަޒީރުކަން ހޯއްދެވީ މަހާތީރުގެ ޕާޓީގެ ބައެއް މެންބަރުންގެ ތާއީދާއި އެކޯލިޝަންގައި ހިމެނޭ ބޮޑުޕާޓީއެއްކަމަށްވާ އަންވަރު އިބްރާހީމްގެ ޕާޓީގެ ބައެއް މެންބަރުންގެ ތާއީދުވެސް އަންވަރަށް ސިއްރުން ހޯއްދަވައިގެންނެވެ. މީގެއިތުރުން ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ޕާޓީ ކަމަށްވާ އުމްނޯ (މެލޭޝިއާގެ އޭރުގެ އިދިކޮޅު ޕާޓީ) އަށް ނިސްބަތްވާ ޕާލަމެންޓްގެ ބައެއް މެންބަރުންގެ ތާއީދުވެސް ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށްޓަކައި މުހްޔިއްދީން ހޯއްދެވިއެވެ.

ސިޔާސީ މި ހަރަކާތާއެކު މުހްޔިއްދީން އެކުލަވާލެއްވި ކޯލިޝަން ސަރުކާރުގެ އެންމެ ބޮޑު ޕާޓީއަކަށް ވެގެންދިޔައީ އޭރުގެ އިދިކޮޅުގައި އޮތް ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އުމްނޯ ޕާޓީއެވެ. ނަތީޖާއަކަށްވީ އަންވަރު އިބްރާހީމް އިދިކޮޅު ލީޑަރަކަށް ވެގެންދިޔުމެވެ. އަދި މަހާތީރުވެސް އައު ޕާޓީއެއް އުފައްދަވައި އިދިކޮޅު ބޭފުޅެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށުމެވެ. މިހާރު މިދެބޭފުޅުން ގެންދަވަނީ މުހްޔިއްދީން ބޮޑުވަޒީރުކަމުން ދުރުކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.