20 Feb 2012, 16:08
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށް އަންނަ މޭ މަހު ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ދަރުބާރުގޭ ފާށަނާ މާލަމުގައި މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 101 ވަނަ ޖަލްސާއަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްމަބަރު މާރިއާ އަހުމަދު ދީދީ ހުށައެޅުއްވައި، ގައުމީ މަޖިލީހުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލް ޣަފޫރު ތާއީދު ކުރެއްވި ގަރާރު ފާސްކުރީ އެ ވަގުތު ހާޒިރުވެ ތިއްބެވި 64 މެމްބަރުންގެ އިއްޔިފާގުންނެވެ.
މާރިއާ ދީދީ ހުށައެޅުއްވި ގަރާރުގައި ވަނީ "ބާޣީ ވަހީދުގެ ސަރުކާރަކީ ބަޣާވާތުން ވެރިކަން ފޭރިގަނެފައިވާ ސަރުކާރެއް ކަމަށް މިޕާޓީ ގަބޫލުކުރާ ހިނދު، އަދި ރާއްޖޭގެ ގާނޫނީ ރައީސުލްޖުމްހޫރިއްޔާއަކީ މުހައްމަދު ނަޝީދު ކަމަށް މިޕާޓީ ގަބޫލުކުރާ ހިނދު، އެއްވެސް ސަބަބަކާ ހުރެ ، އަވަސް އިންތިހާބަކަށް ދާން ޖެހިއްޖެ ހިނދެއްގައި، މި އިން އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް މިޕާޓީން ނިންމާފައި އޮތުން މުހިއްމު ކަމަށް ދެކޭތީ، ރިޔާސީ ޕްރައިމަރީ އަށް މިހާރުން މިހާރަށް ގޮވައި، އަސާސީ ގަވައިދު ބުނާ ، ފަސްމެމްނަރުންގެ ކޮމިޓީ މިއަދުން މިއަދަށް ނަގައި، މި މަސް ނިމުމުގެ ކުރިން ކެންޑިޑޭޓުން އިއުލާންކޮށް، ދެމަސް ދުވަހުގެ ކެމްޕޭން މުއްދަތެއް ދީ، މޭ މަހުގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާ ނިންމުމަށް މިޕާޓީން އިގުރާރުވަމެވެ،" މިހެންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއްގެ ގޮތުގައި މިއަދު ކުރިއަށް ގެންދިޔަ ޖަލްސާ އަށް ގަރާރު ހުށައަޅައި، އެމަޖިލީހުގެ މެމްބަރުން ކުރި ބަހުސްގައި ބައިވެރި ވަޑައިގެންނެވި ގިނަ ބޭފުޅުން ވިދާޅުވީ އެ ޕާޓީއަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ޕްރައިމަރީއެއް ބޭއްވުން ކަމަށެވެ.
ޕްރައިމަރީއެއް ބާއްވާ ނަމަ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާނެ ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވި އިރު އެމްޑީޕީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަން އޭނާ ވެސް ބޭނުންފުޅު ވެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑެއް ގަބޫލެއް ނުކުރަން މިވަގުތު ރާއްޖޭގެ ސިޔާސީ ހާލަތު މިހެން އޮތީތީވެ، ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށް ވީތީވެ، ޕްރައިމަރީއެއް ބާއްވައިފި ނަމަ އެއްވެސް އެހެން ކެންޑިޑޭޓެއް ކުރިމަތި ނުލައްވާނެ ކަމަކަށް، އެއީ ހަމަ އެކަށީގެންވާ ކަމެއް. އެމްޑީޕީއަކީ ވަރަށް ޑިމޮކްރަޓީކް ޕާޓީއެއް. އެހެން ވީމާ ވެރިކަމަށް އަންނަން ބޭނުންވާ މީހެއް އަޅުގަނޑަކީ ވެސް،" އަލްހާނު ވިދާޅުވި އެވެ.