02 Aug 2021, 17:36
މިފެށޭ ދިރާސީ އާ އަހަރުގައި ކިޔަވައިދޭނީ އާންމު ހާލަތާ އެއްގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ދިރާސީ އާ އަހަރު ފެށޭނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަ ދުވަސްވަރެކެވެ. އެހެންކަމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ހެލްތް މިނިސްޓްރީގެ އިރުޝާދުތަކާ އެއްގޮތަށް ސްކޫލްތަކުގައި ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.
މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ، ސްކޫލްތަކުގެ ދަންފަޅި އޮންނާނީ، އާއްމު ހާލަތުގައި ވެސް އޮންނަ ވަރަށް ކަމަށެވެ.
ނަމަވެސް މާލެ ސަރަހައްދުގައި ކުދިން ސްކޫލަށް ހާޒިރުވާ ވަގުތު ތޮއްޖެހުން ކުޑަ ކުރުމަށްޓަކައި، އެކި ގްރޭޑްތަކުގެ ކުދިން ސްކޫލަށް ދާ ގަޑި ތަފާތު ކުރުމަށް މިނިސްޓްރީން އަންގާފައި ވެއެވެ.
ކުދިން ކިޔަވާ ކްލާސްރޫމްތަކުގައި ރަނގަޅަށް ވައި ދައުރުވާނެހެން، ހުރިހާ ވަގުތެއްގައި ވެސް ދޮރުތައް ހުޅުވާފައި ބެހެއްޓުމަށާއި ކްލާސްރޫމް ތަރުތީބު ކުރާއިރު އަދި ކިޔަވައިދޭ ވަގުތު ވެސް ގައިދުރުކަން ބެހެއްޓުމަށް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައި ވެއެވެ.
އަދި ކްލާސްރޫމް އެއާކޯން ކޮށްފައި ވާ ނަމަ، ދަރިވަރުންގެ މެދުގައި ތިން ފޫޓް ދުރުމިން ބަހައްޓަން ޖެހެ އެވެ.
މީގެ އިތުރުން މި މަހުގެ ތެރޭގައި ރާއްޖެއިން ބޭރުން އަންނަ ދަރިވަރުންނާއި ޓީޗަރުން، 7-5 ދުވަސް ތެރޭގައި ޕީސީއާރް ޓެސްޓް ހަދައި، ނަތީޖާ ނެގެޓިވްކަން ކަށަވަރު ކުރަން ޖެހެއެވެ. އަދި މި މަހު، މޮނިޓަރިންގައި އޮތް ރަށަކުން ދަތުރުކޮށްފައި ވާ ދަރިވަރެއް ނުވަތަ ޓީޗަރެއް ނަމަވެސް 7-5 ދުވަސް ތެރޭގައި ނެގެޓިވް ޕީސީއާރް ނަތީޖާއެއް އޮންނަން ޖެހެއެވެ.
ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން، ފޭސް މާސްކުގެ އިތުރުން ފޭސް ޝީލްޑް ވެސް ބޭނުން ކުރުމަށް ފުރުސަތު ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އަދި ކޮވިޑްގެ ހާލަތުގައި މީގެ ކުރިންވެސް ކަންތައް ކުރި ފަދައިން ދަރިވަރުން ސްކޫލަށް ވަންނައިރު ހުން ބެލުމާއި އަތް ދޮވުން ނުވަތަ ސެނިޓަައިޒް ކުރަން ޖެހެއެވެ. ސްކޫލްގައި ކުދިން ތިބޭ ވަގުތު މާސްކް އަޅަން ޖެހެއެވެ.
ދުވަހުގެ ތާވަލްގައި، ދަރިވަރުން މާސްކާ ނުލައި ތިން ފޫޓް ދުރުގައި ހެލިފެލިވެ އުޅޭ ވަގުތުކޮޅެއް ކަނޑަ އެޅުމަށާއި، މި ވަގުތުކޮޅުގައި ކްލާސްތައް ތޮއްނުޖެހޭނެ ފަދަ ގޮތަކަށް ހެދުމަށް މިނިސްޓްރީން ސްކޫލްތަކުގައި އެދިފައި ވެއެވެ.
މިނިސްޓްރީން އަންގާފައިވާ އިތުރު ކަންތައްތައް
އިންޓަވަލް ގަޑީގައި ތިން ފޫޓް ދުރުގައި ކުދިންނަށް ތިބެވޭނެ އިންތިޒާމް ހަމަޖެއްސުން
- އުމުރުން 12 އަހަރުގެ އެންމެން ވެކްސިން ފުރިހަމަކުރުމުން އިތުރު ހަރަކާތްތައް ބޭއްވުން
- މުވައްޒަފުން ވެކްސިން ފުރިހަމަކުރި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުރައް އެޅުން
- ފުރަތަމަ ދެ ހަފްތާގެ ތެރޭގައި މާލޭގައި ސްކޫލްތަކުގައި ކިޔެވުން ފެށޭ ގަޑިތައް ތަފާތު ކުރުމުގައި ސެޝަންގެ ދިގުމިނަށް ގެންނަން ޖެހޭ ބަދަލުތައް ސްކޫލްތަކުން ހަމަޖެއްސުން