02 Aug 2021, 15:51
ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 އަދި 11 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބެން ހުންނާނެއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓު، www.presidency.gov.mv އިން ވެސް ފޯމް ޑައުންލޯޑް ކުރެއްވޭނެއެވެ.
ޗީފް ސްޓެޓިސްޓިޝަން އަކީ ދާދި ފަހުން ތަސްދީގުކުރި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އަލަށް އުފައްދާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގުމާ ހަވާލުވެގެން ހުންނަވާނެ ފަރާތެވެ. ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުރިހާ މަސައްކަތްތަކެއް އަލަށް އުފައްދާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ބަދަލުކުރާނެއެވެ.
ޗީފް ސްޓެޓިސްޓިޝަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގުމާއި ހަވާލުވެވަޑައިގަންނަވާނީ ފަސް އަހަރު ދުވަހުގެ ދައުރަށެވެ. ޗީފް ސްޓެޓިސްޓިޝަނަކީ އިންތިހާބުކުރެވޭ މަގާމެއް، ނުވަތަ ސިޔާސީ މަގާމެއްގައި ހުރި ފަރާތަކަށް ވެގެންނުވާނެކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުންވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކުކަމުގައި ނުވުމާއި، މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާގަތު އަދި މަސައްކަތުގެ އަހުލާގު ހުރި މީހަކަށް ވާން ޖެހޭނެކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.