02 Aug 2021, 15:40
މާލޭގެ އުތުރު ފަރާތުން އަތޮޅުތަކަށް ދަތުރުކުރާ ފެރީ އުޅަނދުފަހަރު ލަފާ ފުރާ ސަރަހައްދުގައި ޓެކްސީ ސްޓޮޕް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ މި މަސައްކަތުގެ ބޭނުމަކީ މި ސަރަހައްދަކީ ގިނަ ބަޔަކު ލަފާފުރާ ސަރަހައްދަކަށްވުމުން އާންުމުންނަށާއި ވެހިކަލް ދުއްވާ ފަރާތްތަކަށް ފަސޭހަވާނެހެން ވަކި ތަރުތީބަކުން އެ ސަރަހައްދުގެ ކަންކަން އިންތިޒާމްކުރުން ކަމަށެވެ.
އެގޮތުން ޓެކްސީ މަޑުކުރާނެ ޖާގަ ހަދަނީ އިއްޒުއްދީން ފާލަމުގެ ހުޅަނގުން އެމްއެމްއޭ ކުރިމައްޗަށް ވާގޮތަށް އޮންނަ ސަރަހައްދުގައެވެ.
އާންމުގޮތެއްގައި މި ސަރަހައްދަކީ އެކިއެކި ބަންދުތަކާ ގުޅިގެން ބާރުބޮޑުވެ ތޮއްޖެހުން އިތުރުވާ ސަރަހައްދެކެވެ.
އަދި އޭގެ ސަބަބުން މަގު ތޮއްޖެހި ފުރަން މީހުން ޓެކްސީތަކަށް އެރުމުގައި ދަތިތައްކުރިމަތިވެ ޓެކްސީތައް މަޑުކުރުމުގައިވެސް ދަތިތަކާކުރިމަތިވަމުން އަންނަ ކަން ފާހަގަވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ސިޓީ ކައުންސިލުން ބުނީ ކައުންސިލުގެ އެންމެ ބޮޑު އަމާޒަކީ މާލޭ ސިޓީ އަކީ މާލޭގައި އުޅޭ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުންކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ލުއި ފަސޭހަވާނެހެން ކައުންސިލުގެ ހިދުމަތްތައް ބައްޓަން ކުރުމަކީ ވެސް އެ ކައުންސިލްގެ ބޮޑު އަމާޒެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.