02 Aug 2021, 14:06
ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ވެލާނާގެ ކުރިމަތީ ޕާކް ކުރުން މަނާ ކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ސަން" އަށް ވިދާޅުވީ އަމީރު އަހުމަދު މަގުގައި ވެލާނާގެ ބްލޮކް ސަރަހައްދުގައި ޕާކް ކުރުން އެ މިނިސްޓްރީގެ ފަރާތުން މަނާކޮށް އެ ސަރަހައްދު ހުސްކުރަން އަންގާފައިވާކަމަށެވެ.
އެ ސަރަހައްދުގައި ހުރި ސައިކަލް ނަގާ ހުސްކުރަން ސިޓީ ކައުންސިލަށް އެންގީ ގައުމީ ދިފާއީ ބާރުގެ އެދިލެއްވުމަކަށްކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
ގައުމީ ދިފާއީ ބާރުން އެ ސަރަހައްދުގައި ޕާކް ނުކުރެވޭ ގޮތް ހަދައިިދިނުމަށް އެދިފައިވަނީ އެ ސަރަހައްދަކީ ސަރުކާރުގެ ބައިވަރު އޮފީސްތައް ހުންނަ ސަރަހައްދަކަށް ވެފައި ސަލާމާތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް އަކްރަމް ވިދާޅުވިއެވެ.
އެ ސަރަހައްދުގައި ހުރި ސައިކަލްތައް ހުސްކޮށް ޕާކް ނުކުރެވޭކަން އަންގައިދޭ ބޯޑް މިހާރު ވަނީ ހަރުކޮށްފައެވެ.
މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށްގެން ދިން ހަމަލާއަށް ފަހު ގައުމީ ދިފާއީ ބާރުން އަދި ސަރުކާރުން އަންނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.