ރަށުގެ ކޮވިޑް ހާލަތު ކޮންޓްރޯލް ކުރެވެން ފަށައިފި ކަމަށް ށ. ފޯކައިދޫ ކައުންސިލުން ބުނެފިއެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް "ސަން" އަށް މިއަދު ވިދާޅުވީ އެ ރަށުގެ ކޮވިޑް ހާލަތު މިހާރު މުޅިންހެން ކޮންޓްރޯލް ކުރެވެން ފަށައިފި ކަމަށެވެ.

"މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިއްޖެ. ރެންޑަމްކޮށް ނަގާ ސާމްޕަލްތަކުން ވަރަށް ނުވޭ މިހާރު. އުންމީދަކީ އެގޮތަށް އޮތުން،" އާސިފް ވިދާޅުވިއެވެ.

ފޯކައިދުއިން 150 އަށްވުރެ ގިނަ ކޭސް ފެނިފައިވެއެވެ. ނަމަވެސް މިހާރު ބަލިން ގިނަ ބަޔަކު ފަސޭހަ ވުމާއެކު އެ އަދަދު ވަނީ 114 އަށް ތިރިވެފައި ކަމަށް އާސިފް ވިދާޅުވިއެވެ.

އެންމެ ފަހުން ފޯކައިދުއިން ނެގި 143 ސާމްޕަލުން ޕޮޒިޓިވް ވީ ތިން ސާމްޕަލެވެ. އެ ތިން ސާމްޕަލަކީ ޑައިރެކްޓް ކޮންޓެކްޓްވެގެން ނެގި ތިން ސާމްޕަލެވެ. ރެންޑަމްކޮށް ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް ވެފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ ކޭސްތައް ކޮންޓްރޯލް ކުރެވެން ފެށުމާއެކު އިތުރަށް ކޭސް ގިނަ ވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ރެންޑަމް ސާމަޕަލް އަދިވެސް ނަގަމުންދާ ކަމަށެވެ.

އެގޮތުން 40 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބިވެއެވެ.

ފޯކައިދޫގައި މިހާރު ވެކްސިން ޖެހުމުގެ މަސައްކަތް ކޮވިޑްގެ ހާލަތުގެ ސަބަބުން މެދުކަނޑާލާފައިވާއިރު 60 ޕަސަންޓު މީހުން ވަނީ އެއްވަނަ ޑޯޒް ޖަހާފައެވެ. އަދި 40 ޕަސަންޓު މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.

ފޯކައިދޫ މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.