ގެއްލިފައިވާ އައިމިނަތު ޝިމާ ނާފިޒްގެ މައްސަލަ މަރު ކޮމިޝަނަށް ނުބެލިގެން އުޅެނީ ކީއްވެގެންތޯ އަދި ކާކު ހުރަަސްއެޅުމުގެ ސަބަބުންތޯ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ސުވާލުއުފައްދަވައިފިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް މިގޮތަށް ސުވާލު އުފެއްދެވީ މަރު ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އާދަމް ޝަރީފް "ސަން" އަށް ވިދާޅުވީ ޝިމާގެ އާއިލާއަށްވެސް އިންސާފު ލިބެން ޖެހޭނެކަމަށެވެ. އަދި އެއީ ޝިމާގެ އާއިލާގެ ހައްގެއްކަމަށް އޭނާ ދެކޭކަމަށް ވިދާޅުވިއެވެ.

"ދައުލަތުން ޒިންމާ ވާންޖެހޭނެ އެންނޫންތޯ. މިހާ ހިސާބަށް އައި އިރުވެސް އެއީ މިވެނި ގޮތަކަށް ހިނގައިދިޔަ ކަމެއްކަމަށްވެސް ކޮންްކްލޫސިވްކޮށް ބުނެވިފައެއް ނެތް. ހަމައެއްވެސް ވަރަކަށް މިހާރު އެކަމުގެ މަސައްކަތެއް ކުރާ ތަނެއް ނުފެނޭ،" ޝަރީފް ވިދާޅުވީ މަރު ކޮމިޝަނުގެ މަސައްކަތް ދޯދިޔާވާނަމަ ސަރުކާރުން އެކަމުގެ ޒިންމާނަގަން ޖެހޭނެކަމަށެވެ.

"ހާއްސަކޮށް މީހުންގެ މަރުތަކާއި މީހުންގެ ހައްގުތަކާއި ގުޅުންހުރި މިކަހަލަ މައްސަލަތަކުގައި ހަމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވެރިކަމަށް އައިސް މި މައްސަލަތައް ތަހުގީގު ކުރާނަން. އަދި މިހާރު މިކަމުގައި ވެރިންގެ ގޮތުގައި ތިބި މީހުން ޖަވާބުދާރީ ކުރުވާނަން އަޅުގަނޑުމެން." ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު މިއަދު އިންސާފު ހޯދުމުގެ މަސައްކަތް ހުއްޓިފައި އޮތީ މި ސަރުކާރުގެ ތެރެއިން ބަޔަކު އޭގައި ކުށްވެރިވެދާނެތީ އެކަމުގެ ބިރުގައިކަމަށްވެސް އާދަމް ޝަރީފް ތުހުމަތުކުރެއްވިއެވެ. އެކަމަކު ކޮންމެ މީހަކަށްވެސް އިންސާފު ލިބެންވާނެކަމަށް ގަބޫލްކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިމާ ގެއްލިފައިވަނީ ޑިންގީއެއްގައި ލ. އަތޮޅު ކައްދުއިން އެ އަތޮޅު މާމެންދުއަށް ދަތުރުކުރަމުން ދަނިކޮށް 2019 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

އޭރު އުމުރުން 19 އަހަރުގެ ޝިމާ ގެއްލުނު ހާދިސާއަށް ދެ އަހަރުވެފައިވާއިރު ޝިމާ ހޯދަން ފުލުހުންނާއި ސިފައިން ގުޅިގެން ކަނޑުއަޑީގެ ގިނަ ސަރަހައްދުތަކާއި އެތައް ފަޅުރަށެއްގައި އަތްފުނާ އަޅައިފިއެވެ. އެހެންނަމަވެސް ދެ އަހަރުވީއިރުވެސް އެ މައްސަލައަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

އެ މައްސަލައިގައި ޝިމާ ގޮވައިގެން ދަތުރުކުރި އިބްރާހިމް ފަޒީލް ވަނީ އޭގެ ފަހުން ޝިމާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ގޮވައިގެން ހަމަ ޑިންގީއެއްގައި ދަތުރުކުރަމުން ދަނިކޮށް ވަނީ އޭގެ ފަހުންވެސް ވަނީ ހައްޔަރުކޮށްފައެވެ. ފަޒީލް ވަނީ ޝިމާ ގެއްލުނު ހާދިސާގައި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަސް އިންކާރުކޮށްފައެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މަރު ކޮމިޝަނަކީ ރައީީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު ޖެނުއަރީ 2012 އިން ފެށިގެން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހިނގާފައިވާ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށްޓަކާ އުފެއްދި ކޮމިޝަނެކެވެ.