02 Aug 2021, 11:34
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ތެރޭ ޕީޕީއެމް ޕީއެންސީއަށް އަންނާނެ އެއްވެސް ލޮލުމެއް ނޯންނާނެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް "ސަން" އަށް ވިދާޅުވީ މިހާރު މި ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވަނީ މަޖިލީހުގައިވެސް އުޅުއްވާ ބޭފުޅުންކަމަށެވެ. އަދި އެ ބޭފުޅުން މިހާތަނަށް މަޖިލީހުގައި ބަސް ބުނާ ތަން އެއްވެސް މިންވަރަކަށް ފެނިފައިނުވާކަމަށެވެ.
"ވަރަށް ބޮޑެތި ގައުމީ މައްސަލަތައް ހިނގައްޖެ. ކޮވިޑުގެ މި ހާލަތްވެސް ރައްޔިތުން ވަރަށް ބޮޑަށް ވޭނުގައި ހޭދަކުރަމުން ދިޔައީ. ކޮރަޕްޝަނުގެ ވަރަށް ގިނަ މައްސަލަތަކެއް ހިނގައިފި. އެތައް މަރުތަކެއް މި ވެރިކަމުގައިވެސް ހިނގައިގޮސްފި. އަދި ސިޔާދަތު ގެއްލޭ އެތައްކަމެއްގެ ވާހަކަ އެބަދެކެވޭ." ޝަރީފް ވިދާޅުވިއެވެ.
އެހެންނަމަވެސް މިއިން އެއްވެސް މައްސަލައަކަށް މިހާރު ޕާޓީ އުފައްދަައިގެން އުޅުއްވާ މެމްބަރުން ބަހެއް ނުބުނާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ ނަފުރަތުގެ ބިލު ބަލައިގަތުމަށްވެސް މި މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު ވޯޓުދެއްވާފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ރައްޔިތުންގެ ވިންދާ ވަރަށް ތަފާތު ގޮތަކަށް ކުރައްވާކަމެއް ކުރައްވާފައި އޮތީވެސް ފްލޯގައި އެއްވެސް ވަރަކަށް އެއިން ބޭފުޅަކު ވާހަކަނުދައްކަވާ." ޝަރީފް ވިދާޅުވިއެވެ.
އެމްއެންޕީއަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް، ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމާއި، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަދި އަބްދުﷲ (މޮސްޓާ) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހިމެނޭ ގޮތަށް އުފެއްދި ޕާޓީއެކެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ އެމްއެންޕީ އުފެދުމަކުން އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް މަޖިލީހުގައިވެސް އަދި އެހެން ގޮތަކުންވެސް ލިބޭނެ ގެއްލުމެއް ނޯންނާނެކަމަށެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީއަކީވެސް ޕީޕީއެމްކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު މަޖިލީހުގައި މައިނޯރިޓީ ޕާޓީއެއްގެ މަގާމު ހޯދުމުގެ ހުވަފެން ދެކެންވާނީ ޕާޓީ ރަޖިސްޓްރީކުރުމަށްފަހު ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.