ޖުމްހޫރީ ޕާޓީގައި ހުންނެވުމަށް ފަހު އެ ޕާޓީއިން ވަކިވެވަޑައިގެން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަކީ އެ ޕާޓީގެ ތެރެއިން އުފެދުނު ޕާޓީއެއްކަމަށް ގަބޫލުނުކުރައްވާކަމަށް ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީގައި ވާހަކަދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ އެމްއެންޕީ އަކީ ޖޭޕީގެ ތެރެއިން އުފެދުނު ޕާޓީއެއްގެ ގޮތުގައި ގަބޫލުނުކުރައްވާކަމަށެވެ. ނަމަވެސް ޖޭޕީގެ ތެރެއިން އެ ޕާޓީއާ ގުޅުނު ދެ މެމްބަރުންނަކީ ޖޭޕީގެ ފަރާތުން މަޖިލީހަށް ހޮވިފައިވާ ދެ ބޭފުޅުންކަމަށް ގަބޫލްކުރައްވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެ ދެބޭފުޅުންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ތެރެއިންވެސް. އަޅުގަނޑު ދަންނަވަން މިއުޅެނީ އަހުމަދު ތަސްމީނުގެ ޒައާމަތުގައިވެސް އެ ދެބޭފުޅުންނަަކީ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންކަން،" ސޯލިހު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓިގެ ތެރެއިން އަބަދުވެސް ކުރިއެރުމަށް ފުރުސަތު ދީފައިވާނެކަމަށެވެ. އަދި އެއީ ކުރިއެރުމަށް ބޭނުންވާ މީހުންނަށް އޮތް ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް ބޭފުޅުންނަށް ހީވަނީ ސިޔާސީ މަސައްކަތްކުރުމަކީ ޕާޓީއަށް ވަޑައިގެން ކުރީ ސީޓުން ޖާގައެއް ހޯދުންހެން،" އޭނާ ވިދާޅުވިއެވެ.

ކާނަލް ނާޒިމް އިސްވެ ހުންނަވާ އެމްއެންޕީ އުފައްދަވާފައިވާއިރު ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމާއި ކާނަލް ނާޒިމްގެ އިތުރުން މިހާތަނަށް އެ ޕާޓީއާ ގުޅިވަޑައިގެންފައިވަނީ އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންފައިވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.