20 Feb 2012, 15:33
ރާއްޖެ ޓީވީ އަށް މާލޭ ސަރަހައްދަށް ބްރޯޑްކާސްޓް ކުރުމަށް ދީފައިވާ ލައިސަންސް، އިއުލާންކުރުމަކާ ނުލައި މުޅި ރާއްޖެ އަށް ފުޅާކޮށްދީފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނީ ރާއްޖެ ޓީވީ އޮޕަރޭޓްކުރާ މީޑިއާ ރިންގަށް ދޫކޮށްފައިވާ ލައިސަންސްގެ ދާއިރާ މުޅި ރާއްޖެ އަށް ފުޅާކޮށްދީފައި ވަނީ ރާއްޖެ ޓީވީ އިން ކޭބަލް މެދުވެރިކޮށް ދެމުން އަންނަ ޚިދުމަތް މުޅި ރާއްޖެއަށް ދޫކޮށްދިނުމުގެ ހުއްދައަށް އެ ފަރާތުން އެދުމުން ކަމަށެވެ. އަދި އެ ހުއްދަ ދީފައި ވަނީ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން އެ ކޮމިޝަނަށް ހުށަހެޅި ހުށަހެޅުންތަކަށް ބެލުމަށް ފަހު ކަމަށް ވެސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޝަހީބް ވިދާޅުވި އެވެ.
"ރާއްޖެ ޓީވީ އިން އެދުނީމާ އަޅުގަނޑުމެން ބެލީ ކިހިނެތްތޯ އެކަން ކުރެވޭނީ. ގާނޫނީ ގޮތުން ލަފާ ހޯދައިގެން މި ގޮތަށް ނިންމީ. އަޅުގަނޑުމެން އާ ލައިސަންސެއް ނޫން މިދިނީ. ދީފައި އޮތް ލައިސަންސްގެ ބައުންޑްރީ ]ދާއިރާ[ މި ފުޅާކޮށްދިނީ. މާލެ ސަރަހައްދުން މުޅި ރާއްޖެ އަށް ބަދަލުކޮށްދިނީ. އެ ގޮތަށް އެއްވެސް ބުރޯޑްކާސްޓަރަކު އަޅުގަނޑުމެންނަށް ހުށަހަޅައިފި ނަމަ އަޅުގަނޑުމެން ބަލާނަން ކިހިނެތްތޯ އެކަންތައް ކުރެވެން އޮތީ،" ޝަހީބް ވިދާޅުވި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖެ ޓީވީގެ ބޭންޑް ވިތު ފުޅާކޮށްދިނީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނަށް ލިބިދޭ އިހުތިޔާރުގެ ދަށުން ކަމަށެވެ. އަދި ގާނޫނީ ތަރަހައިގެ ތެރޭގައި "ޚަބަރާއި މައުލޫމާތު ފެތުރުމުގައި އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދިނުމާއި ތަފާތު ބާވަތްތަކުގެ ޚިޔާލުތަކަށާއި ތަފާތު ވިސްނުންތަކަށް ފުރުޞަތު ލިބޭނެ ގޮތް ހަމަޖައްސައިދިނުމު"ގެ ގޮތުން ކަމަށެވެ.
"ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތު އެކަށައަޅައި ތަރަށްޤީކޮށް ހިންގުމަށް ޓަކައި ކުރަން ޖެހޭ ކަމަކަށް ވެފައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތު ފުޅާކުރުމުގެ ގޮތުން ލައިސަންސް ދޫކުރުމުގައި ކަނޑައަޅައިފައިވާ ޝަރުތުތަކަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިދީފައި ވާތީ، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސްގެ ދާއިރާ، 20 ފެބްރުއަރީ 2012 އިން ފެށިގެން މުޅި ރާއްޖެއަށްފުޅާކޮށްދީފީމެވެ." ބްރޯޑްކާސްޓިން ކޮމިޝަންގެ އިއުލާންގައިވެ އެވެ.
ބްރޯޑްކާސްޓިން ގާނޫނުގެ 36 ވަނަ މާއްދާގައި ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތު ފުޅާ ކުރުމުގެ ގޮތުގެ ބޭނުމުގައި ލައިސަންސް ދޫކުރުމުގެ ޝަރުތު ބަދަލުކުރުމުގެ އިހުތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމަށް ބުނެފައިވީ ނަމަވެސް އެ ގާނޫނުގެ 24 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ މާލެ އާއި މުޅި ރާއްޖެ އަށް ދެވޭ ލައިސަންސެއް ފިޔަވައި އެނޫން ތަންތަނުގެ ލައިސަންސަށް ކޮންމެ ވަގުތެއްގައި ވެސް ހުށަހެޅިދާނެ ކަމަށެވެ.
އެ މާއްދާގައި މުޅި ރާއްޖެ އާއި މާލެ އަށް ދޭ ހިދުމަތެއްގެ ލައިސަންސް، އާންމުކޮށް އިއުލާން ކުރުމަކާ ނުލައި ދިނުން ވަނީ ހުއްޓުވައިފަ އެވެ.
އަދި އެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލަންވާނީ ހަމަހަމަ އަދި ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ކަމަށެވެ.
ވީޓީވީ ހިންގާ އައިލެންޑް ބްރޯޑް ކާސްޓިން ކޮމިޝަނުގެ ސީއީއޯ އަދި ކުރީގެ އެމްއެންބީސީ ވަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް (ހޯރަފުށީ ހަލީލް) ވިދާޅުވީ ކޮމިޝަނުން ވަކި ބަޔަކަށް ލައިސަންސް ދިނުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ވަކި ބައެއްގެ ހައްގު ގެއްލޭ ގޮތަށް ލައިސަންސް ދިނުމަކީ މައްސަލައެއް ކަމަށެވެ.
"މިފަހަރު އެކަން ކުރީ ވަކި ބައެއްގެ ހައްގު ގެއްލޭ ގޮތަށް. ވަރަށް ގިނަ ފަރާތްތަކުން އެމީހުންނާ ބައްދަލުކޮށްފައިވޭ ބްރޯޑް ކާސްޓިން ލައިސަންސް ދިނުމަށް. ސިޓީ ފޮނުވާފައިވޭ ލައިސަންސް ދިނުމަށް. ވަރަށް ގިނަ ބަޔަކު ވަނީ އެކަމަށް އިންވެސްޓްކޮށްފައި. އެތައް ބަޔަކު ދަނީ ފްރިކުއެންސީ އަށް އެދެމުން،" ޚަލީލް ވިދާޅުވި އެވެ.