ހދ. ކުޅުދުއްފުށީގައި ކޮވިޑް-19ގެ ކޭސްތައް ގިނަވެ، ހާލަތު އިތުރަށް ގޯސް ވާތީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ މެމްބަރަކު "ސަން"އަށް ވިދާޅުވީ އެ ރަށުގެ ހާލަތު ގޯސްވާތީ މިއަދުން ފެށިގެން ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

އެގޮތުން ގްރޫޕް ހަދައިގެން މަގުމަތީގައި އުޅުމާއި، އަދި ގްރޫޕް ހަދައިގެން މޫދަށް ދިޔުންވެސް މަނާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ޕާކު ތަކާއި މައިޒާންތައް ބަންދުކޮށް އެތަންނަށް ދިޔުމާއި މުހިއްމު ބޭނުމެއް ނެތި އެއްގެއިން އަނެއް ގެއަށް ދިޔުންވެސް މިވަގުތައް މަނާ ކޮށްފައިވާ ކަމުގައި މެމްބަރު ވިދާޅުވި އެވެ.

ކުޅުދުއްފުށިން މިހާތަނަށް ކޮވިޑް-19 ޖެހުނީ 51 މީހަކަށެވެ.