ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް ބަޔަކު ހިންގާ މަސައްކަތްތަކާ ދެކޮޅަށް ރާއްޖޭގެ ޕްރޮމޯޝަން ވަރުގަދަކޮށް ހާއްސަ ކެމްޕޭނެއް ފައްޓަވާފައިވާ އެކަން ކާމިޔާބު ކުރައްވާފައި ނޫނީ ހުއްޓާ ނުލައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަދީބު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމާ މެދު ރަނގަޅު ތަސައްވުރެއް އުފެއްދުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި ބޭރުގެ މީޑިޔާތަކުގައި ރާއްޖެއާ މެދު ހުރި ނެގެޓިވް ވާހަކަތައް ނައްތާލުމަށް މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޗައިނާގެ މީޑިއާ ތަކުގައި ރާއްޖެއާ މެދު ވަރަށް ނުރަނގަޅު ތަސައްވަރެއް ހުރިކަން ފާހަގަވެފައިވާ ކަމަށާއި ޔޫރަޕްގެ ގިނަ މީޑިޔާތަކުގައި ވެސް ހަބަރުތައް ފަތުރާފައި ހުރީ އެހެން ކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމް އަކީ ރައްކާތެރި އެއްޗެއް. އެއީ އެރަށްތައް ހުންނަނީ ވަކިން މީހުން އުޅޭ ރަށްތަކާ [ދުރުގައި] އަދި އެއާޕޯޓްވެސް މި އޮންނަނީ ވަކިން. އެތަންތަނަށް ނުރައްކަލެއް ނެތް. އަދި ޗައިނާގެ މީޑިޔާތަކަށް މި ކަންތައްތައް އަންގައިދޭން އެ މީޑިޔާތަކަށް އަޅުގަނޑު މިދަނީ އެ ވާހަކަތައް ކިޔައިދެމުން. މުޅި އެ ތަސައްވަރު ބަދަލުކުރަން. އެކަން އަންގަދޭން،" އަދީބު ވިދާޅުވި އެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ބޮޑު ބަޔަކީ ޗައިނާ ކަމުގައިވާއިރު މިނިސްޓަރު ވިދާޅުވީ ޗައިނާއަށް ވަރަށް އަވަހަށް ދަތުރުފުޅެއް ކުރައްވާ ޗައިނާގެ މާކެޓް އިތުރަށް ވަރުގަދަ ކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި ބާލިންގައި އޮންނަ ޓޫރިޒަމް ފެއާއަށް މިނިސްޓްރީން ވަރަށް ވަރުގަދަޔަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މިކަންތައްތަކާ [ނެގެޓިވް ކެމްޕޭނާ] ދެކޮޅަށް ވަރަށް ވަރުގަދަޔަށް މަސައްކަތް ކުރާނަން. މިކަންތައްތައް އަޅުގަނޑު ކާމިޔާބުކުރާނަން. އިންވެސްޓަރުންނާ ޓޫރިސްޓުންނަށް ރާއްޖެއާ މެދު އިތުބާރު ހޯދައިދޭނަން،" އަދީބު ވިދާޅުވި އެވެ.

ޓޫރިޒަމްގެ ގިނަ ނެގެޓިވް ކެމްޕޭންތަކާ ގުޅިގެން ޓޫރިޒަމަށް އަންނަ އަސަރު ބެލުމަށް އަދީބު އިސްވެ ހުންނަވައިގެން ވަނީ ޓޫރިޒަމް މިނިސްޓްރީގައި މޮނީޓާ ސެންޓަރެއް ގާއިމްކުރައްވާފަ އެވެ. އަދީބު ވިދާޅުވީ މޮނީޓާ ސެންޓަރުން ބުކިންސްތައް ކެންސަލްކުރާ މިންވަރާއި ފްލައިޓްތައް ކެންސަލްވާނަމަ އެކަން ވެސް ބަލާނެ ކަމަށެވެ.

"ސެންޓަރުން ބަލަމުން މިދަނީ ހުރިހާ ކަމެއް ވަރަށް ކައިރިން. އޭގެ މައްޗަށް ބިނާކޮށް މުޅި ކެމްޕޭން ކުރިއަށްދާނީ. މީގެން ޓޫރިޒަމަށް އަސަރުކުރާ މިންވަރު އެނގޭނެ،" އަދީބު ވިދާޅުވި އެވެ. "އަޅުގަނޑު އެންމެނާވެސް ގުޅިގެން މިހުރީ. ފެސިލިޓޭޓަރެއްގެ ގޮތުގައި އަޅުގަނޑު މިހުރީ،"