01 Aug 2021, 20:53
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާޒިރު ކުރަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށް "ސަން"އަށް އެނގިއްޖެ އެވެ.
މި ކަމާ ބެހޭ ގޮތުން "ސަން" އިން ސުވާލު ކުރުމުން މަރު ކޮމިޝަނުން އިތުރު ތަފުސީލެއް ނުދިނެވެ.
އެ ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސް "ސަން"އަށް ވިދާޅުވީ ރައީސް ޔާމީން ކޮމިޝަނަށް ހާޒިރު ކުރަނީ ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.
"ރައީސް ޔާމީން މި ކޮމިޝަނަށް ހާޒިރުކުރަނީ މ. ޝައިނިންސްޓާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުގީގަށް،" މިސްބާހު ވިދާޅުވި އެވެ.
މަރު ކޮމިޝަނަށް އެމަނިކުފާނު ހާޒިރު ކުރަނީ އަންނަ އަންގާރަ ދުވަހުއެވެ.
މި މައްސަލައާ ބެހޭ ގޮތުން ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އެންމެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު "ސަން"އަށް ވިދާޅުވީ މަރު ކޮމިޝަނަށް ރައީސް ޔާމީން ހާޒިރު ކުރަނީ އެތަން ފެއިލް ވެފައި އޮތުމުން އެކަމުގެ މަތި ޖަހަން ވެގެން ކަމަށެވެ.
މަރުކޮމިޝަންގެ މަސައްކަތްތައް ލަސްވާތީ ގިނަ ބައެއްގެ ފާޑު ކިޔުން އަންނަނީ އެ ކޮމިޝަނަށް އަމާޒު ވަމުން ނެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މަޖިލީހުގެ ބައެއް މެމްބަރުންވެސް ގެންދަވަނީ ކޮމިޝަނަށް ފާޑު ވިދާޅުވަމުން ނެވެ.