މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހާޒިރުވާން އަންގައިފިއެވެ.

މަރު ކޮމިޝަނަށް އެމަނިކުފާނު ހާޒިރު ކުރަނީ އަންނަ އަންގާރަ ދުވަހުއެވެ.

މި މައްސަލައާ ބެހޭ ގޮތުން ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އެންމެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު "ސަން"އަށް ވިދާޅުވީ ރައީސް ޔާމީނާ ގުޅުމެއް ހުރި އެއްވެސް މައްސަލައެއް މަރު ކޮމިޝަނުން ބަލާ ކަމުގެ މައުލޫމާތު ވަކީލުންނާ މިހާތަނަށް ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ މަރު ކޮމިޝަނަށް ރައީސް ޔާމީން ހާޒިރު ކުރަނީ އެތަން ފެއިލް ވެފައި އޮތުމުން އެކަމުގެ މަތި ޖަހަން ވެގެން ކަމަށެވެ.

"އަޅުގަނޑު ދަންނަވަން އޮތީ އެންމެ ވާހަކައެއް. އެއީ މަރު ކޮމިޝަން ފެއިލް ވުމުން އެކަމުގެ މަތި ޖަހަން ކުރާ މަސައްކަތެއް މިއީ. އެމްޑީޕީ ބައިބައިވެ އެކަކު އަނެކެއްގެ ކަރުގަ ހިފާ ހިސާބަށް ދިޔާއީމަ އެމީހުންގެ ތެރޭގަ އޮތް ކަންތައް މި ވަގުތައް އޮއްބާލުމަށްޓަކައި އަދި އެމްޑީޕީގެ ގްރާސް ރޫޓަށް މެސެޖެއް ދިނުމަށްޓަކައި ކުރާ މަސައްކަތްތައް މިއީ،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ޑރ. އަފްރާޝީމް ގަތުލު ކުރުމަށްފަހު، ގާތިލުން، ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ މަރު ކޮމިޝަނަށް އެންމެ ފުރަތަމަވެސް ހާޒިރު ކުރަން ޖެހޭ ފަރާތަކީ އެމަނިކުފާނު ކަމަށެވެ.