01 Aug 2021, 20:04
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ 16 ވަނަ ދުވަހު ފެށުމަށް މަޖިލީހުން ނިންމައިފި އެވެ.
ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މިރޭ "ސަން"އަށް ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ މި އަހަރުގެ އެންމެ ފަހު ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ތަޅުމަށް މެމްބަރުން ހާޒިރު ވެގެން ކަމަށެވެ.
"ޖަލްސާތައް ކުރިއަށް ގެންދަން އަދި ނިންމާފައިވަނީ ތަޅުމުގަ. ނަމަވެސް ވަގުތު ޖެހޭއިރު ހާލަތަށް ބަލާފަ ބަދަލެއް ގެންނަން ޖެހިދާނެ،" ޒިޔާއު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ނިންމައި މެމްބަރުން ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
ދިރާސީ އަހަރުގެ ސްކޫލް ޗުއްޓީގެ ދުވަސްވަރާއި ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ދުވަސްވަރު ދިމާވާ ގޮތަށް މަޖިލީހުގެ ދެވަނަ ދައުރު އަދި ތިންވަނަ ދައުރު ބަދަލު ކުރަން މަޖިލީހުގެ އާންމު ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މި ގޮތަށް ފާސް ވެގެން ދިއުމުން މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ ކޮންމެ އަހަރެއްގެވެސް މެއި 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް "ސަން"އަށް ވިދާޅުވެފައިވަނީ މަޖިލީސް ހުޅުވުމާއެކު ދެން އެންމެ އިސްކަމެއް ދޭނީ ހަރުކަށި ފިކުރުގެ މައްސަލައާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމަން ކަމަށެވެ.