20 Feb 2012, 14:20
އަންނަ މަހު އަވައްޓެރު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރާ ދިވެހި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރަކަށް ސަލްސާ އަހުމަދު އާމިރު އިއްޔެ ހަވީރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސައިފި އެވެ.
ގައުމީ ޓީމުގެ މެނޭޖަރަކަށް އާމިރު ހަމަޖައްސައި ޗެލެންޖް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމް މިއަދު ތައިލެންޑަށް ކުރާ ދަތުރާ ބެހޭ ގޮތުން އެފްއޭއެމް އަހުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ޝާހް އިސްމާއިލް ވިދާޅުވީ، ޓީމުގެ މެނޭޖަރަކަށް އާމިރު ހަމަޖެއްސީ ކުރީގެ މެނޭޖަރު އެމްއެންޑީއެފްގެ ކެޕްޓަން އަހުމަދު ޒުބޭރު ރިލީޒް އަކަށް އެދުމުން ކަމަށެވެ.
"މެނޭޖަރަކަށް އާމިރު ހަމަޖެއްސީ ކުރީގެ މެނޭޖަރު އެމްއެންޑީއެފްގެ ކެޕްޓަން އަހުމަދު ޒުބޭރު ރިލީޒްއަކަށް އެދުމުން. އެބޭފުޅާ ރިލީޒްކޮށްފިން ޓީމާ އެކު ދެވެން ނެތީމަ،" ޝާހު ވިދާޅުވި އެވެ.
ގައުމީ ޓީމުގެ އާ މެނޭޖަރު އާމިރު ވިދާޅުވީ، މެނޭޖަރުކަމާ ހަވާލުވީ ގައުމީ ޓީމަށް ވަގުތުދެވޭނެ ކަން އަމިއްލަ ފުޅަށް ގަބޫލް ކުރައްވާގެން، ގައުމީ ކަމެއްގެ ގޮތުގައި ގައުމަށް ހިދުމަތްކޮށް ދިނުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ.
"މީގައުމީ ކަމެއް. އެހެންވެ އަޅުގަނޑު މިކަމަށް އިސްނެގީ ވެސް. އަޅުގަނޑު މިހިރީ ގައުމީ ޓީމާ އެކު މަސްއްކަތް ކުރައް ތައްޔާރަށް." އާމިރު ވިދާޅުވި އެވެ.
މިއަދުގެ ނިއުސްކޮންފަރެސްގައި ޖެނެރަލް ސެކްރެޓަރި ޝާހު ވިދާޅުވީ، އާ މެނޭޖަރެއް ގައުމީ ޓީމަށް ހަމަޖައްސާފައިވާ އިރު، އާ ޑޮކްޓަރެއް ވެސް މިހާރު ވަނީ ޓީމަށް ހަމަޖައްސާފައި ކަމަށެވެ. އަދި ގައުމީ ޓީމަށް އާ ޑޮކްޓަރެއްގެ ގޮތުގައި ޑރ. އިބްރާހިމް ސޮލާހް ޝަރީފް ހަމަޖެއްސީ، ކުރީގެ ޑރ. އަހުމަދު ޝަކީބަށް އައިލާ ކަމެއްގައި ރަށުން ބޭރުގައި އުޅެންޖެހޭތީ ކަމަށް ސާހް ވިދާޅުވި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ އަށް ވަނަ ދު ވަހު ރާއްޖެ ނިކުންނާނީ ތުރްކުމެނިސްތާނާ ދެކޮޅަށެވެ.
މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޓީމްތަކަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއި ތުރްކުމެނިސްތާން އަދި ފަލަސްތީނެވެ.