ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ އޮފީސް ހިންގަމުންދާ އިމާރާތް ބަދަލު ކޮށްފިއެވެ.

އެޗްއާރްސީއެމްގެ އޮފީސް މިހާރު ހިނގަމުންދާނީ މަޖީދީމަގުގައި ހުންނަ މ. ޗަނބޭލީވިލާ ނުވަތަ ކުރީގެ ސްޓާ ސިނަމާ އިމާރާތް ގެ 12 އަދި 13 ވަނަ ފަންގިފިލާއެވެ.

އެޗްއާރުސީއެމްގެ އޮފީސް އާ އިމާރާތަށް ބަދަލުކޮށްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އެހެންނަމަވެސް އެކަމާ ގުޅޭ އާންމު އިއުލާން ނެރުނީ އިއްޔެއެވެ.

ކުރިން އެޗްއާރްސީއެމް ހިންގަމުން ދިޔައީ މއ. އުތުރުވެހި އިމާރާތުގެ ފަހެއް، ހައެއް އަދި ހަތް ވަނަ ފަންގިފިލާގައެވެ.

އެޗްއާރުސީއެމްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ކުރީގެ އިމާރާތުގައި ކަރަންޓުގެ މައްސަލަަތަކާއި ފެންބޮޑުވުމުގެ ބައެއް މައްސަލަތައް ހުރިކަމަށާއި، އެ އިމާރާތް އެއީ މަސައްކަތަށް އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. އަދި ކުރީގެ އިމާރާތުގައި މަރާމާތު ކުރުމަށްވެސް ބޮޑު ހަރަދެއްދާނެކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޗްއާރްސީއެމްގެ އޮފީސް ހިންގަމުން އަންނަނީ އާ އިމާރާތުގައެވެ. މިހާރު ޓްރާންސްޕޯޓް މިނިސްޓްރީވެސް ހުންނަނީ އެ އިމާރާތުގައެވެ.