02 Aug 2021, 14:28
ހަތަރު ދުވަސްތެރޭ މ. ކޮޅުފުށީގެ ކޮވިޑް-19 ކޭސްތައް 57 އަށް އަރައިފިއެވެ.
މ. ކޮޅުފުށި ކައުންސިލް އިދާރާގެ ރައީސް އަބްދުލް އަލީމް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެއާއި ހަމަޔަށް 57 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"މިހާރު އިއްޔެއާ ހިސާބަށް 57 މީހުން ޕޮޒިޓިވް ވެެއްޖެ. މިހާރު މިދަނީ ރެންޑަމް ސާމްޕަލް ނަގަމުން،" އަލީމް ވިދާޅުވިއެވެ. ޖުމްލަ 110 ރެންޑަމް ސާމްޕަލް ރަށުން ނަގާފައިވާ ކަމަށް އަލީމް ވިދާޅުވިއެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އަލީމް ވިދާޅުވީ މިހާތަނަށް ޕޮޒިޓިވް ވެފައިވާ އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި އެމީހުންގެ ފަރާތުން ފެންނަމުން ދަނީ ބަލީގެ ކުދި އަލާމާތްތައް އެކަނިކަމަށް އޭނާ ވިދާޅުވިއެވެ.
ކޭސްތައް ގިނަވުމާ ގުޅިގެން އެރަށު ކައުންސިލުން ވަނީ ރައްކާތެރިވުމުގެ ގޮތުން ކެފޭ އަދި ހޮޓާތަކުގައި ހަމައެކަނި ޑެލިވަރީ ކުރުމަށާއި ޒަރޫރީ ބޭނުމަށް ނޫނީ ގޭގަ މަޑުކުރުމުގެ އިތުރުން އާންމު ތަންތަނަށް އެއްވެ އުޅުން މަނާ ކޮށްފައެވެ.
ކޮޅުފުށި މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު 12 މީހުން ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.