ކާބުލް (އޮގަސްޓު 1): އަފްގާނިސްތާނުގެ މުހިއްމު ތިން ސިޓީއެއް ހިފުމަށްޓަކައި ތާލިބާން ޖަމާއަތުން ސަރުކާރުގެ ފައުޖުތަކާ ހަނގުރާމަ ކުރަމުންދާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ތާލިބާނުގެ ހަނގުރާމަވެރިން މިހާރު ވަނީ ލަކްޝަރުގާ ސިޓީ އާއި ކަންދަހާރާއި ހިރާތު ވަށާލާފައެވެ. އޭގެ ތެރެއިން ލަކްޝަރުގާގެ ގަވަރުނަރުގެ އޮފީހާ ވަރަށް ގާތަށް އިއްޔެ ހަނގުރާމަވެރިންނަށް ދެވުނު ނަމަވެސް ރޭ އެމީހުން ފަހަތަށް ޖައްސާލާފައިވާކަމަށް އަފްގާން ސިފައިން ބުންނެވެ.

މީގެ އިތުރުން ހަމަލާ ބަދަލު ކުރުންތައް ކުރިއަށްދާ ކަންދަހާރު ތާލިބާނުގެ އަތް ދަށުވެ، އެތައް ހާސް މީހުން މަގުމަތިވެދާނެކަމުގެ ބިރު އޮތް ކަމަށް އެ ސިޓީގެ ޕާލިމެންޓު މެމްބަރެއް ކަމަށްވާ ގުލް އަހުމަދު ކާމިން ވިދާޅުވިއެވެ.

ކާމިން ވިދާޅުވި ގޮތުގައި ތާލިބާނުން ބޭނުން ވަނީ އެމީހުންގެ ވަގުތީ ވެރި ރަށަކަށް ކަންދަހާރު ހަދާށެވެ. އަދި އެ ސިޓީގެ ހާލަތު ގޯސްވަމުންދާ ކަމަށާއި ހަނގުރާމަވެރިންނަށް ސިޓީގެ ތެރެއަށް ވަދެވިއްޖެނަމަ، އާއްމު ރައްޔިތުންނަށް އަނިޔާވާނެ ކަމުގެ ނުރައްކާ އޮތުމުން ސަރުކާރުގެ ސިފައިންނަށް ބަރު ހަތިޔާރު ބޭނުން ނުކުރެވޭނެއެވެ.

އަފްގާނިސްތާނުގެ ދެކުނުގައި އޮންނަ އެ ދެ ސިޓީގެ އިތުރުން އެގައުމުގެ ހުޅަނގުގައި އޮންނަ ހިރާތުގައިވެސް ތާލިބާނާއި ސަރުކާރުގެ ފައުޖުތަކުން ދަނީ ވަރުގަދަ ހަމަލާތައް ބަދަލުކުރަމުންނެވެ. އެގޮތުން އެ ސިޓީގެ ފަސް ސަރަހައްދެއްގައި ހަނގުރާމަ ކުރަމުންދާ ކަމަށް އެގައުމުގެ ނޫހަކުން ރިޕޯޓު ކުރިއެވެ.

އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގެންދިޔުމުގެ މަސައްކަތް ފެށި ފަހުން ތާލިބާނުން ވަނީ އެގައުމުގެ ގިނަ ސަރަހައްދުތަކުގެ ކޮންޓްރޯލް އަތުލާފައެވެ. އޭގެ ސަބަބުން ބައިނަލްއަގުވާމީ ޓެރަރިޒަމްގެ ނުރައްކާ އިތުރުވެދާނެ ކަމުގެ އިންޒާރު އަސްކަރީ އޮފިޝަލުން ވަނީ ދެއްވާފައެވެ. އަދި އިންސާނީ ކާރިސާއަކަށް މަގުފަހިވެ، ކާނާ އާއި ފެނާއި ޒަރޫރީ ހިދުމަތްތައް ލިބުން ދަތިވުމުގެ ބިރު އޮތް ކަމަށް އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ބުންޏެވެ.