އިންސާފުގެ ދަތުރުގެ ނަމުގައި އެމްޑީޕީން ލޮނުޒިޔާރަތްކޮޅުގައި ކުރިއަށް ގެންދާ މުޒާހަރާގައި ކުޑަކުދިން ބައިވެރިކުރަމުން ގެންދާ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ޕީޕީއެމުން ސަރުކާރަށް ގޮވާލައިފި އެވެ.

ޕީޕީއެމުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީން މިދިޔަ ހުކުރު ދުވަހުން ފެށިގެން ބާއްވަމުން ގެންދާ މުޒާހަރާތަކުގައި ކުޑަކުދިން ބައިވެރިކުރަމުން ގެންދާ ކަމަށާއި އެކަން ޕީޕީއެމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އެފަދަ އެއްވުންތަކުގައި ކުޑަކުދިން ބައިވެރި ކުރުމަކީ ކުޑަކުދިންގެ ހައްގުތަކާއި ގުޅޭ ބައިނަލް އަގުވާމީ މިންގަޑުތަކާއި ހިލާފު ކަމެއް ކަމަށް ވެސް ޕީޕީއެމުން ބުނެފައި ވެއެވެ.

"...މުޒާހަރާތަކުގައި ތުއްތުކުދިން ރީނދޫ ފޮތި އައްސާ އެމްޑީޕީގެ ބެޖުޖަހަފައި ތިއްބާ ވެސް ފެންނަމުން ދެއެވެ. ސިޔާސީ ބޭނުމަށްޓކައި މިގޮތަށް ކުޑަކުދިން ބޭނުންކުރުމަކީ ކުޑަކުދިންގެ ހައްގުތަކާއި ގުޅޭ ބައިނަލްއަގުވާމީ މިންގަނޑުތަކާއި މުޅިން ހިލާފުކަމެއް،" ޕީޕިއެމްގެ ބަޔާނުގައި ވެއެވެ.

ޕީޕީއެމުމް މި ބަޔާން ނެރުނު އިރު އިންސާފުގެ ދަތުރުގެ ނަމުގައި އެމްޑީޕީން ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ކުރުމަށް ފަހު ޖެހިގެން އައި ހޮނިހިރު ދުވަހު ލޮނު ޒިޔާރަތްކޮޅުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި، ކުދިން ބޭނުންކޮށްގެން ސިޔާސީ ނާޖާއިޒު ފައިދާއެއް ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ އެކަން ޗައިލްޑް އެބިއުސިން ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ކެޕްސްއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީން ބޭއްވި ކުޑަކުދިންގެ ހަވީރަކީ ކުދިންނަށް އުފާވެރި މާހައުލެއް ގާއިމްކޮށްދިނުމުގެ ބަދަލުގައި ސިޔާސީ ކުލަތަކެއް އެކަމުގައި ޖެހި ގާނޫނު އަސާސީގެ 35 ވަނަ މާއްދާއާއި ޚިލާފަށް އިންތިޒާމްކޮށް ކުރިއަށް ގެންދިޔަ ހަވީރެއް ކަމަށެވެ.