މޮނިޓަރިންގެ ހާލަތު އުވާލިތާ ހަތަރު ދުވަސް ފަހުން އަނެއްކާވެސް ގއ. ވިލިނގިލި މޮނިޓަރިން އަށް ލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވާކަން ވިލިނގިލި ކައުންސިލަށް އަންގާފައެވެ.

މިކަމާއި ގުޅިގެން ވިލިނގިލީ ކަައުންސިލުގެ ރައީސް ވިޝާލް މުހައްމަދު "ސަން" އަށް ވިދާޅުވީ ރަށް އަލުން މޮނިޓަރިން އަށް ލާފައިވަނީ ރަށުން ނެގި ސާމްޕަލެއްގެ ނަތީޖާ ރޭ ލިބުނު އިރު ޕޮޒިޓިވްވެފައިވާތީ ކަމަށެވެ.

"އެ މީހާއަކީ މި މަހުގެ 28 ވަނަ ދުވަހު މި ރަށަށް އައި މީހެއް އަދި ނުވޭ ތިން ދުވަސްވެސް މި ރަށަށް އައި ފަހުން. ދެން އޭނަ ބަލީގެ އަލާމަތްތައް ހުރުމުން ފުލޫ ކުލިނިކަށް ދެއްކީ. ރޭ ނަތީޖާ ލިބުނު އިރު ޕޮޒިޓިވްވެފައި ވަނީ." ވިޝާލް ވިދާޅުވިއެވެ.

ވިޝާލް ވިދާޅުވީ މި ކޭސް އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ، އަދި ހަވީރުގެ ވަގުތެއްގައި މި މަސައްކަތް ނިންމާލެވޭނެކަމަށެވެ.

ޕޮޒިޓިވްވި މީހާއާއި މާ ގިނަ ބިޔަކު ކޮންޓެކްޓުވެފައި ނުވާކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އުންމީދަކީ ވީހާވެސް އަވަހަށް ރަށް މޮނިޓަރިން އިން ނެގުންކަމަށްވެސް ވިދާޅުވިއެވެ.