01 Aug 2021, 11:00
މިއަދުން ފެށިގެން ވެހިކަލް ރަޖިސްޓްރީކުރުމުގެ ހުއްދަ ދިނުމުގައި ބަލަންޖެހޭ ކަންކަން ބަލާނީ މާލޭ ސިޓީ ކައުންސިލުންނެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނީ ގްރޭޓާ މާލޭ ސަރަހައްދުގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާކަންކަން ދެން ބަލާނީ ސިޓީ ކައުންސިލުން ކަމަށެވެ.
އެގޮތުން އުޅަނދު ބާއްވާނެ ގަރާޖު ޗެކު ކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން މާލޭ ސިޓީ ކައުންސިލުން ކުރާގޮތަށް ބަދަލުކޮށްފައިވާކަމަށެވެ.
އަދި މާލެ އާއި ހުޅުމާލޭގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަންވެސް ޗެކުކުރާނީ ސިޓީ ކައުންސިލުންކަމަށް އެ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ އެ ހިދުމަތަށް އެދޭ ފަރާތްތަކުން އެކަމާއި ގުޅޭ ފޯމު މާލެ ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގް ސެކްޝަންއަށް ހުށަހެޅޭނެކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ހުޅުމާލޭ ސެކްޝަން އެޗްޑީސީ ބިލްޑިންގެ އެއް ވަނަ ފަންގިފިލާއިންވެސް ފޯމު ބަލައިގަންނާނެ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ އެ ހިދުމަތަށް އެދޭ ފޯމު މާލެ ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގް ސެކްޝަނުންނާއި ހުޅުމާލޭ ސެކްޝަނުން ލިބޭނެކަމަށެވެ. ހަމައެއާއެކު މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓުންވެސް މިއަދުން ފެށިގެން ފޯމު ލިބެން ހުންނާނެކަމަށް ކައުންސިލުން ބުންޏެވެ.