01 Aug 2021, 09:52
މާލޭގެ މަގުމަތީގައި ހުރި ނުދުއްވާ ގިނަ ދުވަސްވެފައިވާ ވެހިކަލްތައް މާދަމާއިން ފަށައިން ނެގުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ބުނީ ހިނގާ ބިގާވެއުޅޭ ފަރާތްތަކާއި، ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައިހުރި އެއްގަމު އުޅަނދު ފަހަރު މާދަމާއިން ފެށިގެން ނެގުމަށް ހަމަޖެހިފައިވާކަމަށެވެ.
މާލޭގެ މަގުތައް ބެލެހެއްޓުމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ސަން" އަށް ވިދާޅުވީ ސިޓީ ކައުންސިލުގެ އެންމެ ބޮޑު އަމާޒަކީ މާލޭގެ މަގުތަކަކީ އާންމުންނަށް ހިތްފަސޭހަ މަގުތަކަކަށް ހެދުން ކަމަށެވެ.
އެގޮތުން މި މަސައްކަތުގެ ދަށުން ހަލާކުވެ، ނުދުއްވާ ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރު ނަގާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މި މަސައްކަތްކުރާނީ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެންނެވެ.
އޭގެ ކުރިން މަގުމަތީގައި ބަހައްޓާފައި ހުރި އެފަދަ އެއްގަމު އުޅަނދު ފަހަރު ނެގުމަށްވެސް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ. މީގެ އިތުރުން އުޅަނދުފަހަރުގެ ވެރިފަރާތުން އެ ވެހިކަލެއް ނުނަގާ ބަހައްޓައިފިނަމަ އެއްގަމު އުޅަނދުފަހަރު ގަވައިދުގެ ދަށުން އެ އުޅަނދު ނަގައި ނައްތާލެވޭނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ހަމައެއާއެކު މި މަސައްކަތުގައި އުޅަނދު ނެގުމުގެ ތެރޭގަ ނުވަތަ ނެގުމަށް ފަހު އުޅަނދަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެކަމަށްވެސް ވަނީ އަންގާފައެވެ.