20 Feb 2012, 13:43
ޤައުމީ ފުޓްބޯޅަ ޓީމަށް މިހާރަށްވުރެ ބޮޑަށް އެހީތެރިކަން ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، އޭއެފްސީ ޗެލެންޖް ކަޕްގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް އިނާޔަތް ދިނުން އަލުން ފަށަށަން ގަސްދުކުރައްވާ ކަމަށެވެ.
ފުޓްބޯޅައަކީ ހުރިހާ ދިވެހިން އެންމެ ލޯބިވާ ކުޅިވަރުކަމާއި، ފުޓްބޯޅައަށް ހިތްވަރުދީ ކުރިއަށް ގެންދިޔުމަށް، ރާއްޖެ އޮތީ އެންމެން އެއްގަލަކަށް އަރައި، އެކުވެރިކަމާއެކީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުރިހާ ދިވެހިންގެ އުންމީދުތައްވަނީ ފުޓުބޯޅަ ޓީމާ އެކުގައި ކަމަށާއި މިމުބާރާތުގައި މޮޅަށް ކުޅެ ކާމިޔާބު ހޯދުމަށް ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވާ ކަމަށެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންނަށް އޮތް ހެދުނުގެ ސާފޮދެއްގައި ރައީސް ވަހީދު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި އެފްއޭއެމްގެ ރައީސް އަލީ އާޒިމްގެ އިތުރުން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް ވެސް މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަންނަ މަހު އަވަށްޓެރި ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރު ވުމުމުގެ ގޮތުން ގައުމީ ޓީމް ތަމްރީނު ދަތުރެއްގައި މިއަދު ތައިލެންޑަށް ފުރަން ވަނީ ހަމެޖހިފައެވެ. އޭއެފްސީ ޗެލެންޖްކަޕް މުބާރާތުގައި ރާއްޖެ ލައްވާލީ ގްރޫޕް އޭގަ އެވެ. މުބާރާތުގައި ރާއްޖެއާއެކު ހިމެނޭ ޓީމްތަކަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއި ތުރްކުމެނިސްތާން އަދި ފަލަސްތީނެވެ.
މުބާރާތުގައި ރާއްޖެ މެޗް ކުޅޭ ދުވަސްތައް:
މާޗް މަހުގެ އަށް ވަނަ ދުވަހު: ރާއްޖެ އާއި ތުރްކުމެނިސްތާން
މާޗް މަހުގެ 10 ވަނަ ދުވަހު: ނޭޕާލާއި ރާއްޖެ
މާޗް މަހުގެ 12 ވަނަ ދުވަހު: ރާއްޖެ އާއި ފަލަސްތީން