14 Jul 2010, 10:18
14:30
އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ ބައެއް މެންބަރުންނަށް ބިރު ދެއްކުމަށް ހޯރަ ވަހީދު ނަމަކަށް ކިޔާ މީހަކު މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ނާޒިމް މަސައްކަތްކުރައްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހާ ދޫކޮށްލައިފި އެވެ.
އިތުބާރު ހުރި ގޮތަކަށް ސަންއެފްއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޯޑިއޯ ކްލިޕެއް ލީކްވި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހަކީ ހޯރަފުށީ ކަތީބު ކަމުގައިވާ ހޯރަފުށީ، މަލަ، މުހައްމަދު ވަހީދު އުސްމާނެވެ. އަދި އިއްޔެގެ މެންދުރުގެ ވަގުތެއްގައި ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ނާޒިމާ އެއްވެސް ގުޅެއްމެއް އޮވޭތޯ އެ މައްސަލާގެ ތަހްޤީޤްގައި ފުލުހުން އޭނާއާ ސުވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ނާޒިމާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށް ވަހީދު ވިދާޅުވެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ. ހޯރަފުށީ ކަތީބު ދޫކޮށްލި ނަމަވެސް އޭނާގެ މޯބައިލް ފޯން އަދިވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ހޯރަފުށީ މީހުން ވަހީދު ކަތީބުގެ ނަމުން މުހާތަބްކުރާ އެމީހާ ފުލުހުން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މެދުގައި ކުރެވިފައިވާ މުއާމަލާތްތަކެއް ލީކްވި މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގަ އެވެ.
ލީކްވި އެ އޯޑިއޯ ކްލިފްގައި އޭސީސީގެ ދެ މެންބަރަކަށް ހޯރަ ވަހީދެއް ކިޔާ މީހެއް ލައްވާ އިންޒާރެއް ދީގެން ކޮންމެވެސް ކަންތައްތަކެއް ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ދޭހަވާ ފަދަ ވާހަކަތަކެއް ޔާމިން އަބްދުލްގައްޔޫމު އަރިހު ނާޒިމް ދައްކަވާފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނާޒިމްގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ދޫކޮށްލާފައި ވީނަމަވެސް އެމައްސަލައާ ބެހޭ އިތުރު ތަފްސީލެއް ދެއްވެން ނެތް ކަމަށެވެ.
ލީކުވެގެން އުޅޭ އޯޑިއޯ ކްލިޕްތަކުގައި ބޭނުންކޮށްފައިވާ ރޯޒް އާއި މަނިކު އާއި ހޯރަ ވަހީދު ފަދަ ނަންނަމަކީ ކޯޑު ނަންނަން ކަމަށާއި އެއީ އުޅޭ މީހުން ނޫން ކަމަށް ނާޒިމްގެ ގާތް މީހަކު ވަނީ ބުނެފަ އެވެ.