31 Jul 2021, 21:50
މި އަހަރު ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ނުބޭއްވޭނެކަމަށް އޭއެފްސީން އެންގުމާ އެކު ރާއްޖޭގައި އެ މުބާރާތް ބާއްވަން ރަސްމީކޮށް ބިޑްކޮށްފި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓް ކުރުމަށް މިއަދު ރަސްމީކޮށް ބިޑް ކޮށްފައިވާ ކަމަށާއި، ރާއްޖޭގައި ބައިނަލް އަގުވާމީ މުބާރާތްތައް ބޭއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ މަސައްކަތަށާއި، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަން ބާއްވަން ފުރަތަމަ ހަމަޖައްސާފައިވާ، ބަންގްލަދޭޝްގެ ކޮވިޑްގެ ހާލަތު އޮތް ގޮތުން މުބާރާތެއް ބޭއްވޭނެ ކަމުގެ ޔަގީން ކަމެއް ސަރުކާރުން ނުދިނުމުގާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބާއްވަން އާ ބިޑަށް ހުޅުވާލާނެ ކަމަށް އޭއެފްސީން ވަނީ މިފަހުން އިއުލާންކޮށްފަ އެވެ.
އެއާ އެކު އެ މުބާރާތް ބާއްވަން ތިން ގައުމަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ރާއްޖޭގެ އިތުރުން ސާފަށް ދެން ޝައުގުވެރިވީ އިންޑިއާ އަދި ނޭޕާލުންނެވެ.
ރާއްޖޭގައި އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ 2008 ވަނަ އަހަރުގެ މުބާރާތެވެ. ސްރީ ލަންކާއާއި ރާއްޖެ ގުޅިގެން އެފަހަރު ބޭއްވި މުބާރާތުގެ ތަށި ހޯދީ ރާއްޖެއިންނެވެ.
މިހާރު އޮތް ގޮތުން ސާފް ޗެމްޕިއަންޝިޕުގައި ކުޅޭނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ގައުމެވެ. ކޮވިޑްގެ ހާލަތު އޮތް ގޮތުން ބޫޓާންގެ ފުޓްބޯޅަ ޓީމު ގައުމުން ބޭރަށް ފުރައިގެންދާން ހުުއްދަ ނެތުމުން އެ ގައުމުން ވަނީ މުބާރާތުގައި ބައިވެރި ނުވާން ނިންމައިފަ އެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.