20 Feb 2012, 13:02
ގްރޫޕް އޭ ފަޅިން ވާދަކުރާ ވިކްޓަރީ އާއި މާޒިޔާގެ މެޗުން ޔޫތުއެފްއޭކަޕް ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ފެށުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
މިދިޔަ އަހަރު އަލަށް ފެށި 20 އަހަރުން ދަށުގެ ޔޫތްއެފްއޭކަޕް ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު 4:15ގައި ފެށުމަށް ނިންމާފައިވާ އިރު، މުބާރާތް މިފަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ 21 އަހަރުން ދަށުގެ އުމުރު ފުރައަށް ބަދަލުކޮށްގެން ނެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވަނީ ބައިވެރިވެފައި އެވެ.
މުބާރާތުގެ ގްރޫޕް އޭ ފަޅިން ވާދަ ކުރާސް ފަސް ޓީމަކީ ވިޔަންސާ، މަހިބަދޫ، ވީބީ، ވިކްޓަރީ އަދި މާޒިޔާ އެވެ. އަދި ގްރޫޕް ބީ ފަޅިން ވާދަކުރާ ފަސް ޓީމަކީ ނިއު ރޭޑިއަންޓް، ކެލާ، އީގަލްސް، އޭވައިއެލް އަދި ވެލެންސިޔާ އެވެ.
އެފްއޭއެމް އިން ބުނީ، ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެން ދިއުމަށް ނިންމާފައިވާ އިރު، ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އާ ދެވަނަ ޓީމެވެ. އަދި ގްރޫޕް އޭ އާއި ގްރޫޕް ބީ ފަޅިން އެއްވަނަ ހޯދާ ދެ ޓީމުގެ މެދުގައި ސެމީފައިނަލްގެ ފުރަތަމަ މެޗް ކުޅުމަށް ނިންމާފައިވާ އިރު، މެޗުން މޮޅުވާ ޓީމެއް ފުރަތަމަ ޓީމެއްގެ ގޮތުގައި ފައިނަލުން ޖާގަ ލިބޭނެ އެވެ. އަދި ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރުވާ ޓީމެއް އިނގޭނީ ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.
މިދިޔަ އަހަރުގެ ޔޫތްއެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ވިޔަންސާ ފިޔަވައި ފުރަތަމަ ޑިވިޝަނުގެ ހުރިހާ ޓީމެއް ބައިވެރިވި އިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާޒިޔާ އެވެ.