31 Jul 2021, 19:41
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބަލަހައްޓަމުން އަންނަ ޖަލުތަކުގައި ތިބި ގައިދީންގެ ނިސްބަތައް ބަލާއިރު 70 އިންސައްތަ ގައިދީންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މީހުން ކަމަށް ކޮމިޝަނަ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.
އެމްސީއެސްއާ ގުޅިގެން ޔޫއެންއޯޑީސީން ހިންގި ދެ ޓްރޭނިން ޕްރޮގްރާމެއްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ރާއްގޭގައި މަސްތުވާ ތަކެތީގެ މައްސަ ހައްލު ކުރުމަށްޓަކައި ގައުމީ ފެންވަރުގައި މަޝްވަރާތައް ކުރެވި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަށީގެންވާ ހައްލެއް އަދި މިހާތަނަށް ފެންނަމުން ނުދާ ކަމަށެވެ.
އެގޮތުން ޖަލު ތަކާއި މުޖުތަމައު ތެރޭގައިވެސް މި ނުރައްކާ ފެތުރިފައިވާ މިންވަރު އިތުރު ވެއްޖެ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރު ބޮޑު ވެފައިވާކަން ސީޕީ ފާހަގަ ކުރެއްވި އެވެ.
"ޖަލު ތަކުގަ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސަޕްލައި ހުއްޓުވުމަށްވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ،" ސީޕީ ވިދާޅުވިއެވެ.
ކަރެކްޝަންސް އިން ޝާއިއު ކޮށްފައިވާ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެތި އެކި އެކި އޮޕަރޭޝަން ތަކުން އަތުލައިގެންފައިވެ އެވެ.
ސީޕީ ވިދާޅުވީ ޖަލު ތަކަށް މަސްތުވާތަކެތި ވަންނަ ގޮތްތައް އިތުރަށް ދިރާސާ ކުރެވެމުން ދާއިރު ރާއްޖޭގެ ޖަލުތައް ހަދާފައި ހުރި ގޮތުން ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ޖަލު ތަކުގެ ވަށާ ފާރު ނެތުމުގެ އިތުރުން ބައެއް ޒަމާނީ ވަސީލަތްތައް ނެތް ކަން ފާހަގަ ކުރެއްވި އެވެ.
އަދި ކޮވިޑް-19 ގެ ސަބަބުން ގައިދީން އެއްތަނުން އަނެއް ތަނަށް އުފުލުން މަދު ކުރި ނަމަވެސް ޖަލަށް ވެއްދުން މަނާ ތަކެތި ވަންނަ ކަމަށް ސީޕީ ވިދާޅުވި އެވެ.
އެގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު އޮޕަރޭޝަން ތަކުން 178 މޮބައިލް ފޯނު އަތުލާގަނެވިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
އަދި މި ކަންތައްތައް ހައްލު ކުރުމަށްބޮޑެތި ގޮން ޖެހުން ތަކާއި ކުރިމަތި ލާން ޖެހޭ ކަމަށާއި އޭގެ ތެރެއިން ޖަލުގެ ބައެއް އޮފިސަރުން މިފަދަ ކަންކަމުގައި ބައިވެރިވާ ކަމީ ހިތާމަ ހުރި ކަމެއް ކަމުގައި ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި މުއައްސަސާގެ އޮނިގަނޑަށް ބަދަލު ގެނެވި ޕްރޮފެޝަނަލް ސްޓޭންޑަޑެއް ގާއިމު ކުރުން ފަދަ މުހިއްމު ފިޔަވަޅުތައް މިހާރުވެސް އަޅާފައިވާ ކަމަށެވެ.
އަދި އޮފިސަރުންނާއި، ތަނުގައި ހުރި ވަސީލަތްތަކުގެ ދަތި ކަމާއި ޖަލު ތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގޭ އަދަދު މަދުކަމަށް ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ މުޖުތަމައުއަށް ނުކުންނަ ގައިދީންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ގައިދީންނަށް ޕެރޯލް ފުރުސަތުގެ ދަށުން ސަރުކާރުގެ ކުންފުނި ތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން އެ ކުންފުނި ތަކާ މަޝްވަރާ ކުރަމުން މިދަނީ،" ސީޕީ ވިދާޅުވިއެވެ.