މިއަދު ހެނދުނު ވިލިމާލެ ފެރީ ޓަމިނަލް ކައިރިން ބިދޭސީއެއްގެ ފޯނު ފޭރިގަތުމަށްފަހު، ސައިކަލުގައި ފިލަން މަސައްކަތްކުރަނިކޮށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓު ހިނގައިފައިވަނީ މިއަދު ހެނދުނު 10:13 ހާއިރުކަމަށެވެ.

އެގޮތުން އެ ބިދޭސީ މިހާގެ ފޯނު ފޭރިގަތުމަށް ފަހު ސައިކަލުގައި ދުއްވާފައި ދަނިކޮށް އެ ސަރަހައްދުން ދިޔަ އަންހެނަކާއި ކުޑަކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލުގައި ތިބި ދެ މީހުންނަށާއި ކުޑަކުއްޖެއްގެ އިތުރުން އަންހެނަކަށެވެ.

އަދި ވަގުތުން އައިޖީއެމްއެޗަށް އެމީހުން ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ސައިކަލުގައި ތިބި ދެ މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.