ދެހާސް ދިހަ ވަނަ އަހަރު، ކެމްބްރިޖް އޯލެވެލް އިމްތިހާނުގެ ހިސާބު ޓެސްޓް ޕޭޕަރު ހެދުމުގައި ކޮޕީ ކުރުމުގެ އަމަލުތައް ހިންގާފައިވާކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވާ ށ. މިލަންދޫ ސްކޫލްގެ ތިން މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ މައްޗަށް އަމުރުކޮށްފި އެވެ.

އެ މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައިވަނީ މިނަލްދޫ ސްކޫލްގެ ލީޑިން ޓީޗަރު އަބްދުއްލަތީފް މުހައްމަދު އާއި ލީޑިން ޓީޗަރު މުހައްމަދު ނާޒިމް މޫސާ އާއި އެ ސްކޫލްގެ އެސިސްޓެންޓް އެޑުމިނިސްޓްރޭޓިވް އޮފިސަރު އަލީ ޝިފާޒެވެ.

މެއި 26، 2011 ގައި އެމީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންނާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ތަހުގީގު ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު ތަހުގީގު ރިޕޯޓުން އެ ތިން މީހުން ކުރި ކުށަކީ ކޮބައިކަން އެނގެން ނެތްކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ވެއެވެ.

އެ މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ސިވިލްސާވިސް ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ ތިން ވަނަ ނަންބަރުގައި ބުނާ މިންގަނޑާއި ސިވިލްސާވިސް ގަވާއިދުގައި ބުނާ މިންގަޑާއި ޚިލާފަށް ކަމަށްވެސް މިދިޔަ އަންގާރަ ދުވަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވެއެވެ.

އެ ތިން މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާއި ބެހޭ ގާނޫނާއި ޚިލާފަށް ކަމަށްވާތީ އެ ތިން މީހުން ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި ބެހެއްޓުމަށާއި އެ ތިންމީހުންނަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ ބައެއްކަމަށް ނުބެލުމަށް ވެސް ޓްރައިބިއުނަލްގެ ނިންމުމުގައި ވެއެވެ.

އެ ތިން މީހުން ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ ދިނުމަށް އަމުރުކުރި ތާރީޚާއި ހަމައަށް މުސާރައިގެ ގޮތުގައި އެތިން މީހުންނަށް ލިބެންޖެހޭ ފައިސާ 10 ދުވަހުގެ ތެރޭގައި އެކީ އެކަށްދީ ޚަލާސްކުރުމަށްފަހު އެކަން ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެންގުމަށްވެސް ސީއެސްސީގެ މައްޗަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފަ އެވެ.