31 Jul 2021, 12:30
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތް މާދަމާއަށް ތާވަލް ކޮށްފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ މާދަމާ ހެދުނު 9:00 އަށެވެ.
މާދަމާ ބާއްވާ އަޑުއެހުމަކީ ފެބުރުވަރީ 15 އަށް ތާވަލް ކުރުމަށްފަހު ކެންސަލް ކުރި ޝަރީއަތުގެ އަޑުއެހުމެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ އަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރި މުއާމަލާތުގައި ހިންގާފައިވާ ކަމަށް ބުނާ ކުށްތަކަކާ ގުޅިގެން ކުރާ ދައުވާއެކެވެ.
މީގެ ކުރިން ރައީސް ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ވަނީ ސާބިތުވެފަ އެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމަށް ބުނާ މައްސަލަ އެވެ.
އެ މައްސަލައިގައި އެމަނިކުފާނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް އެމަނިކުފާނު ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. ފަސް އަހަރުގެ ޖަލު ހުކުމުގެ އިތުރުން ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.