20 Feb 2012, 12:52
ނަޕޯލީއާ ދެކޮޅަށް ޗެލްސީ ކުޅޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުގައި އެޓީމުގެ ކެޕްޓަން ޖޯން ޓެރީ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ނުފެނިދާނެ ކަމަށް އެކުލަބުގެ ކޯޗް އަންދުރޭ ވިޔަސް ބޮއަސް ބުނެފި އެވެ.
ޓެރީގެ ކަކުލަށް ލިބިފައިވާ ކަކުލުގެ އަނިޔާ އާ ގުޅިގެން އެފްއޭ ކަޕުގައި އެންމެ ފަހުން ބާމިންގްހަމް އާއި ދެކޮޅަށް ކުޅެ 1-1 ލަނޑުން އެއްވަރުވި މެޗުގައި ވެސް ފެނިފަ އެއް ނުވެ އެވެ. ޗެލްސީގެ ޑިފެންސް ލައިނުން ޓެރީގެ ބަދަލުގައި ފެނުނީ އެ ޓީމާ މިދިޔަ ޖެނުއަރީ މަހު ބޮލްޓަން އިން ގުޅުނު އިނގިރޭސި ޑިފެންޑަރު ގޭރީ ކޭހިލް އެވެ.
މާދަމާ ނަޕޯލީ ދަނޑުގައި ޗެލްސީ އަށް ކުޅެން ޖެހިފައިވާ ދެ ވަނަ ބުރުގެ ފުރަތަމަ ލެގު މެޗުގައި ޓެރީ އަށް ކުޅެވިދާނެ ކަމުގެ އޮތީ 50-50 ފުރުސަތު ކަމަށް ޗެލްސީގެ ކޯޗު ވިޔަސް ބޮއަސް ބުނެފައިވެ އެވެ.
"ނަޕޯލީ އާއި ދެކޮޅަށް ކުޅޭ މެޗުގައި ޓެރީ އަށް ކުޅެވިދާނެ ކަމުގެ 50-50 ފުރުސަތު އެބައޮތް. މިވަގުތު އަހަރެމެން މި އިންތިޒާރުކުރަމުން ދަނީ އޭނާ ފިޓްވޭތޯ. އަހަރެމެންނާ އެކު ޓެރީ ދަތުރުކުރާނެ." ވިޔަސް ބޮއަސް ބުންޏެވެ.
ޓެރީ އަކީ ޗެލްސީގައި ހިމެނޭ އެންމެ ދުވަސްވީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ޗެލްސީ ޓީމުން ފުރަތަމަ ޓެރީ ފެނިފައި ވަނީ އެ ޓީމުގެ ޒުވާން ސްކޮޑުންނެވެ. އެއަށް ފަހު ޗެލްސީގެ ސީނިއާ ޓީމާއި ޓެރީ ގުޅިފައި ވަނީ 1998 ވަނަ އަހަރު އެވެ.