31 Jul 2021, 11:09
ވޮޝިންޓަން (ޖުލައި 31): އެމެރިކާގައި ކޮވިޑް-19 ވެކްސިން ޖަހާ މީހުންގެ އަދަދު މަދުވެ، ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އަލަށް ވެކްސިން ޖަހާ މީހުންނަށް 100 ޑޮލަރު ދޭން އެގައުމުގެ ސްޓޭޓުތަކަށް ރައީސް ޖޯ ބައިޑެން ގޮވާލައްވައިފިއެވެ.
ބައިޑެން ވިދާޅުވި ގޮތުގައި އެމެރިކާގައި ކޮވިޑް ވެކްސިން ޖަހާ މީހުން އިތުރު ކުރުމަށް ހާއްސަ ފިޔަވަޅުތައް އަޅަން ޖެހިފައި ވަނީ ވަރަށް ފަސޭހައިން ފެތުރޭ ވޭރިއެންޓެއް ކަމަށްވާ ޑެލްޓާ ވޭރިއެންޓުގެ ކޭސްތައް އެގައުމުގައި އިތުރުވަމުން ދާތީއެވެ. އަދި ވެކްސިން ނުޖަހާ މީހުންގެ އަދަދު ގިނަ ވުމުން އެމައްސަލަ އިތުރަށް ގޯސްވާތީއެވެ.
އެމެރިކާގެ ސްޓޭޓުތަކަށް ބައިޑެން ގޮވާލެއްވީ އެގައުމުން ކޮވިޑުން އަރައިގަތުމަށް ފާސްކޮށްފައިވާ 1.9 ޓްރިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖުން އެ ސްޓޭޓުތަކަށް ފޯރުކޮށްދޭ އެހީ ބޭނުންކޮށްގެން، ވެކްސިން ޖަހަން ހިތްވަރު ދިނުމަށްޓަކައި ފައިސާގެ އިނާމެއް ދިނުމަށެވެ. އަދި އެއީ މިހާރު ވެކްސިން ޖަހާފައިވާ މީހުންނަށް ހަމަހަމަ ގޮތެއް ކަމަށް ނުވި ނަމަވެސް، "ގިނަ މީހުން ވެކްސިން ޖެހުމުން އެންމެންނަށްވެސް ފައިދާ ވާނެ"ކަން ބައިޑެން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ވެކްސިން ޖަހަން މުވައްޒަފުންނަށް ޗުއްޓީ ދުވަސްތައް ދޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މައި ސަރުކާރުން އެހީ ފޯރުކޮށްދޭނެ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.
އެެމެރިކާއިން މިހާރު ވަނީ އެގައުމުގެ ދެ މިލިއަނެއްހާ ފެޑެރަލް މުވައްޒަފުން ތިބެން ޖެހޭނީ ކޮވިޑް ވެކްސިން ޖަހައިގެން ކަމަށް ކަނޑައަޅާފައެވެ. އަދި ވެކްސިން ނުޖަހާ މުވައްޒަފުން ކޮންމެ ހަފްތާއަކު ކޮވިޑަށް ޓެސްޓުކޮށް، އެމީހުން ތިބެން ޖެހޭނީ މާސްކު އަޅައިގެން ކަމަށް އިއުލާންކޮށްފައެވެ.
އެމެރިކާގައި މިދިޔަ މަހު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އެގައުމުން ފަހަކަށް އައިސް ކޮވިޑުގައި މަރުވާ މީހުންގެ 99 ޕަސެންޓު މީހުންނަކީ ވެކްސިން ނުޖަހާ މީހުންނެވެ.
އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެގައުމުގެ އާބާދީގެ ގާތްގަނޑަކަށް 70 ޕަސެންޓު މީހުން މިހާރު ވަނީ ވެކްސިން ޖަހާފައެވެ. އޭގެ ތެރެއިން ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ 60 ޕަސެންޓު މީހުންނެވެ. އަދި އެގައުމުގައި ކޮވިޑްގެ ކޭސްތައް އެންމެ ބޮޑަށް އިތުރުވަމުން ދަނީ ފްލޮރިޑާ ފަދަ، ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު ނިސްބަތުން މަދު ސްޓޭޓުތަކުގައެވެ.