"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ގެނަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ކުރިއަށް ގެންދަން ނިންމައިފައިވާ ހަރަކާތާއެކު ކަމަރު ބަންނަންވީ ޖަލަށް ވަނުމަށްކަމަށް މާލޭ ސިޓީ ކައުންސިލުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ މި ހަރަކާތް ހިންގަން ޖެހުނީ ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީ އިސްވެ އޮވެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ފުނޑުފުނޑު ކޮށްލުމުންކަމަށެވެ.

އަދި މިނިވަންކަން ނަގަހައްޓަން އިސްވެ ތިބި ބަޔަކީ މިއަދު ޕީޕީއެމާއި ގައުމު ދެކެ ލޯބިވާ ރައްޔިތުންކަމަށް ގާބޫލުކުރާކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

"މިރޭގެ މި ހަފްލާގައި ދިވެހި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް، ރައީސް ސޯލިހު އާއި ރައީސް ނަޝީދު ހިމެނޭހެން ދައުވަތު އެރުވިން. އެކަމަކު އެއީ މި ހަރަކާތުގައި ބައިވެރިވާކަށެއް ނޫން. މި ގައުމު ދޫކޮށް އިސްތިއުފާ ދޭން. އެއީ މި ހަރަކާތުން އެ ދެ ބޭފުޅުންނަށް މި އެރުވި ދައުވަތަކީ،" ޝުޖާއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލި ބަޔަކީ މި ގައުމުގައި އެބަތިބި ކަމަށެވެ. އަދި އެއީ ކޮން ބައެއްކަން ދެނެގަންނަންޖެހޭ ކަމަށް ވެސ އޭނާ ވިދާޅުވިއެވެ.

"އޭގެ އެންމެ މުހިންމު ޒިންމާއެއް އަދާކުރަންޖެހެނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ 65 މެމްބަރުން. އެމީހުންނަކީ ރާއްޖޭގައި ބޭރުގެ ސިފައިން ދަގަނޑު ތަޅާ މީހުންގެ ގޮތުގައި ބައިތިއްބަން އާއެނކޭ ބުނި މީހުން. އެމީހުންނަކީ ބޮޑު ކައްކާއިންގެ ގޮތުގައި ނަން ބަދަލުކޮށްގެން ބޭރުގެ ސިފައިން މި ގައުމުގައި ބައިތިއްބަން އާއެނކޭ ބުނިމީހުން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީ އިން ދިވެހީންނަށް އޮޅުވާލައިފައިވާކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އެހެންނަމަވެސް ޕީޕީއެމުގެ އަސާސްތައް ބީނާވެފައި އޮންނާނީ "އެންމެ ފުރަތަމަ ގައުމު" ގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

ރޭ ޕީޕީއެމުން ވަނީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި ގައުމީ ކެމްޕެއިންނެއް އިފްތިތާހުކޮށްފައެވެ.

މި ކެމްޕެއިނަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ލަފާފުޅުގެ މަތިން ފެށި ހަރަކާތެއްކަމަށް އެ ޕާޓީ އިން ބުނެއެވެ.