31 Jul 2021, 08:49
މިއަދު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް މި ވަނީ ވަރަށް ބޮޑަށް ލޮޅުން އަރާފައިކަމަށް ކުރީގެ އިސްލާމިކް މިިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމްގެ އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް ރާއްޖޭގައި ގާއިމްވެއްޖެ ނަމަ ގައުމުގެ ކަންކަން ދާނެ ގޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭނާ ކިޔައިދީފައިވާނެ ކަމަށެވެ.
އެގޮތުން މިނިވަންކަމާއި، އިސްލާމްދީނަށް އަންނާނެ ގޮންޖެހުންތަކުގެ އިތުރުން އިގްތިސާދަށް އަންނާނެ ހީނަރުކަމުގެ ވާހަކަ ހަނދާންކޮށްދެވިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތެއް. އެހެންވީމާ މި ވަގުތަކީ ދިވެހި ލޮބުވެތި ރައްޔިތުން ހިތްވަރާއި އަޒުމާއި އެއްބައިވަންތަކަމާއެކުގައި އެންމެން އެކަކު އަނެކަކުގެ ކިބައިން މަދަދު ލިބިގެން ސަފުތައް ރުކުރުވާލަންވީ ވަގުތު،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މިއަދު މި ގައުމަށްޓަކައިވެސް ޕީޕީއެމާއެކު އެއްބައިވަންތަވާންޖެހޭކަމަށެވެ. އަދި މިއީ މި ގައުމަށް ފާގަތިކަމާއި ކުރިއެރުން ލިބެން އޮތް މަގުކަމުގައިވެސް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނަށް މި ފެންނަ މަންޒަރުތަކުން އަޅުގަނޑުމެން އަޅާނުލާ ފަހަތަށް ޖެހިއްޖެކަމުގައި ވަނީ ނަމަ މިގައުމަށް ބޮޑެތި ގެއްލުންތައް ވާނެ. އެހެންވީމާ އަޅުގަނޑުމެން ޖެހޭ އެބަ އަޅުގަނޑުމެންގެ ސަފުތައް ބަދަހިކުރަން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަހީމް ވަނީ މިއަދު ގައުމުގައިހުރި މައްސަލަތައް ހައްލުކުރުމަށް ޒުވާނުން އިސްނެގުމަށް ގޮވާލައްވާފައެވެ.
ރޭ ޕީޕީއެމުން ވަނީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި ގައުމީ ކެމްޕެއިންނެއް އިފްތިތާހުކޮށްފައެވެ.
މި ކެމްޕެއިނަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ލަފާފުޅުގެ މަތިން ފެށި ހަރަކާތެއްކަމަށް އެ ޕާޓީ އިން ބުނެއެވެ.
އަދި މި ކެމްޕެއިނާ ގުޅުމަށް ސަރުކާރުގެ ކޯލިޝަންގެ ތެރޭ ހިމެނޭ ޕާޓީތަކަށް ވެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ދައުވަތު ދެއްވާފައެވެ.