31 Jul 2021, 07:43
ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސްޕެނިޝް ސީރީޒް "މަނީ ހައިސްޓް"ގެ ފަސް ވަނަ ސީޒަންގެ ޓްރެއިލާ ހޯމަ ދުވަހު އާންމުކުރާނެކަން އިއުލާންކޮށްފިއެވެ.
އިއްޔެ ވަނީ މަނީ ހައިސްޓްގެ ސީޒަން ފަހެއްގެ މަންޒަރުތަކެއް އާންމުކޮށްފައެވެ. ނެޓްފްލިކްސްގެ ކާމިޔާބު ޝޯ މަނީ ހައިސްޓްގެ ޓްރެއިލާ އަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނައިރު މި ސީރީޒްގެ ޓީޒާކޮޅެއް ވަނީ މިދިޔަ މެއި މަހު އާންމުކޮށްފައެވެ. ޓިޒާ ކޮޅުން ވަރުގަދަ ބަޑީގެ ހަމަލާތަކެއް ފެނިގެންދިޔަ ޝައުގުވެރި ގިނަ ކަންތައްތަކެއް ވެސް ފެނިގެންދިޔައެވެ.
މަނީ ހައިސްޓްގެ ފަހު ސީޒަން ދެ ބަޔަކަށް ބަހާލައިގެން ގެނެސްދޭއިރު ވޮލިއުމް 1 ގެނެސްދޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. އަދި ވޮލިއުމް 2 ގެނެސްދޭނީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. ނެޓްފްލިކްސް އިން ސްޓްރީމް ކުރާ މި ސީޒަން އަކީ ޖުމްލަ 10 އެޕިސޯޑު ހިމެނޭ ސީޒަން އެއްކަމަށް ޚަބަރުތައް ބުނެ އެވެ.
މި ސީޒަން ވެގެންދާނީ މުޅި ހައިސްޓުގެ ވެސް އެންމެ ގިނަ ކަންތައް ހިނގާ އަދި އެންމެ ސަޅި ސީޒަނަކަށް ކަމަށް ހައިސްޓުގެ ޓީމުން ކަށަވަރުކޮށްދެ އެވެ. އަދި މިފަހަރުގެ ބައި ސިފަކޮށްފައި ވަނީ ވަރުގަދަ "ވޯ" އެއްގެ ގޮތުގަ އެވެ.
މަނީ ހައިސްޓްގެ ހަތަރުވަނަ ސީޒަން ނިމުނީ ނޭވާ ހިފަހައްޓާލައިގެން ތިއްބައެވެ. ސީރީޒްގެ އެންމެ ވަރުގަދަ ކެރެކްޓަރު ޕްރޮފެސަރު އަތުލައިގަތް ހިސާބުންނެވެ.