31 Jul 2021, 07:49
މާލޭ ސިޓީގެ ފަޅުތެރެ ސާފުކޮށް ބޭއްވުމަށްޓަކައި އަބަދުވެސް އެކި ފަހަރުމަތިން އެކި ނަންނަމުގައި އަންނަނީ މަސައްކަތްކުރަމުންނެވެ.
ނަމަވެސް މިިކަމަކީ ދާއިމީ ގޮތެއްގައި ކުރެވެމުން އައި ކަމެއް ނޫނެވެ. އެހެންކަމުން ސާފުކޮށްލުމާއެކު އަނެއްކާވެސް ފަޅުތެރެ ކުނިން ފުރެން މާ ގިނަ ދުވަހެއް ނުނަގައެވެ.

ޖުލައި 30، 2021: މާލޭގެ ފަޅުތެރެ ކުނިން ފުރިފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިގޮތުގައި މާލޭގެ ފަޅުތެރޭގެ ހާލަތު އޮންނަތާ މިއަދާހަމައަށް އެތައް ދުވަހެއް ވެފައިވާއިރު މިހާރު މިވަނީ މިކަމުގެ ހައްލަށް ކުރި ދިގު އިންތިޒާރު ނިމުމަކާ ގާތްވެފައެވެ.
އެގޮތުން މާލޭ ސިޓީގެ ސާފުތާހިރުކަން ދެމެހެއްޓުމުގެ ގޮތުން މާލޭގެ ފަޅާއި ފަރުތައް ދާއިމީ ގޮތެއްގައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން "ސަން" އާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މިހާރު ކުރިއަށްދަނީ މި މަސައްކަތްކުރުމަށް އެންޖީއޯތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްކަމަށެވެ.
"ފަޅުތެރެެއާއި ފަރުތައް ސާފުކޮށް ބޭއްވޭނެ ނިޒާމެއް ގާއިމުކުރަން އެންޖީއޯތަކާއެކު މިހާރު މަސައްކަތް ފެށިފައިވަނީ. އަދި ދަނީ މަޝްވަރާގެ ބައި،" މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ވަރަށް އަަވަހަށް މި މަސައްކަތްވެސް އަމަލީ ގޮތުން ފެށިގެންދާނެކަމަށެވެ.
އަދި މާލޭ މަސްމާރުކޭޓު ސަރަހައްދުގެ ފަޅުތެރެއަށް ކުނިއަޅާ ހަޑިކުރާ މައްސަލައަށްވެސް ދާއިމީ ހައްލެއް އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ގެނައުމަށް އަމާޒުހިފައިފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.

ޖުލައި 30، 2021: މާލޭ ފަޅުތެރެއަށް ކުނި އެޅުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ އިތުރުން ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގްރާމްތަކެއްވެސް ރޭވިފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.
އެއާއެކު ސިޓީ ކައުންސިލުގެ އެންމެ ބޮޑު އަމާޒަކީ މި ހުރިހާ މަސައްކަތެއް ނިމިގެންދާއިރު މާލެ ސިޓީ ގްރީން ސިޓީއެއްގެ ގޮތުގައި ތަރައްގީވެގެން ދިޔުންކަމަށްވެސް މޭޔަރުވަނީ ވިދާޅުވެފައެވެ.