މިސީޒަން ނިމުމުން އުދިނޭސީ އިން ވަކިވުމަށް އެކުލަބުގެ ޗިލީ މިޑްފީލްޑަރު ހާމަކުރުމާ އެކު، އިނގިރޭސި ވިލާތުގެ ލިވަޕޫލް އިން އިސްލާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މިދިޔަ ހަފްތާގައި އޭސީ މިލާނާ ދެކޮޅަށް ކުޅެނު އިޓަލީ ލީގު މެޗުގައި ދިގު އަނިޔާ އަކާއި ކުރިމަތިލާން ޖެހުނު އިސްލާ ދޫކުރުމަށް ކުލަބުން ތައްޔާރަށް އޮތްކަމަށް އޭނާ ބުނެފައިވެ އެވެ.

"އުދިނޭސީގެ ވެރިޔާ ޖިއަމްޕައޮލޯގެ ދަރި ގިނޯ ޕޮޒޯ އާއި އަހަރެން ވާހަކަ ދެއްކިން. އޭނާ ބުނި ކުލަބުން އަހަރެން ދޫކުރާނެ ކަމަށް. އަހަރެން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެމުން މިދަނީ އަނިޔާ އިން ސަލާމަތް ވުމަށް." އިސްލާ ބުންޏެވެ.

އިސްލާ އަށް ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ ލިވަޕޫލް އިން ކަމަށް އޭނާގެ އެޖެންޓް ބުނެފައިވެ އެވެ. އުދިނޭސީގެ ވާދަވެރި ރޯމާ އިން ވެސް އިސްލާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް އޭނާގެ އެޖެންޓް ބުނެފައިވެ އެވެ.

"ލިވަޕޫލް އިން އިސްލާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރޭ. އިޓަލީގެ ޔުވެންޓަސް އާއި ރޯމާ އިން ވެސް އޭނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވޭ." އިސްލާގެ އެޖެންޓް ބުންޏެވެ.

އިސްލާ ވަނީ އުދިނޭސީގެ ގިނަ މަގާމުތަކަށް ކުޅެފަ އެވެ. އެގޮތުން އޭނާ ވަނީ ފޯވާޑް ލައިނާއި އުދުނޭސީގެ މެދުތެރެއަށް ވެސް ކުޅެފަ އެވެ. ޔޫރަޕްގެ ބޮޑެތި ގިނަ ކުލަބުތަކަކުން އިސްލާ ހޯދުމަށް މިދިޔަ ޖެނުއަރީ މަހު ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އުދިނޭސީ އިން ވަނީ އޭނާ ދޫކުރުމަށް ދެކޮޅު ހަދާފަ އެވެ.