މިއަދު ރާއްޖެއިން އިތުރު 107 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، ބައްޔަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު 13 އަށް ތިރިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 30 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އޭގެ އިތުރުން 56 މީހުން ވަނީ އަތޮޅުތެރޭ މީހުން ދިރިއުޅޭ އެހެން ރަށްރަށުންވެސް ޕޮޒިޓިވްވެފައެވެ. ރިސޯޓްތަކުން ޕޮޒިޓިވްވީ 14 މީހުންނެވެ. އަދި ތަރައްގީކުރަމުން އަންނަ ރަށްރަށުން ހަ ކޭސް ފެނުނުއިރު ސިނާއީ މަސައްކަތްކުރާ ރަށަކުން ވަނީ އެއް ކޭސް ފެނިފައެވެ.

މިއަދު ޕޮޒިޓިވްވި ކޭސްތަކަކީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ނެގި 5،156 ސާމްޕަލްއިން ޕޮޒިޓިވްވި ކޭސްތަކެވެ.

އެ ކޭސްތަކާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 77،309 އަށް އަރައިފައެވެ. ރާއްޖޭގެ އެކްޓިވް ކޭސްތައް މިހާރު ހުރީ 2،595 ގައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަދު އިތުރު 94 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދުވެސް މިވަނީ 74،429 އަށް އަރައިފައެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް ޖުމްލަ 221 މީހަކު ވަނީ މަރުވެފައެވެ.