ގދ. ފިޔޯރީގެ އިހުތިސޯސްގެ ދަށުގައިވާ ތިން ފަޅު ރަށެއް ދަނޑުވެރިކަމާއި މަސްވެރިކަން ފަދަ ސިނާއީ މަސައްކަތްތަކަށް ދޫކުރުމަށް ނިންމާފައިވާކަމަށް ފިޔޯރީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ފިޔޯރީ ކައުންސިލުން މިގޮތަށް އިއުލާންކޮށްފައިވަނީ ރޭ އެރަށު ރައްޔިތުންނާއެކު ބޭއްވި މަޝްވަރާ ޖަލްސާއެއްގެ ތެރެއިންނެވެ. އެގޮތުން ސިނާއީ މަސައްކަތްތަކަށް ދޫކުރަން ނިންމާފައިވާ ތިން ރަށަކީވެސް މިފަދަ މަސައްކަތްތަކަށް ވަރަށް އެކަށީގެންވާ ރަށްތަކެއްކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

ފިޔޯރީ ކައުންސިލުން ދޫކުރަން ނިންމާފައިވާ ރަށްތަކަކީ:

  • ގދ. ކާޅެހުއްޓާ

  • ގދ. އުކުރުހުއްޓާ
  • ގދ. ވިލިނގިއްލާ

މި ރަށްތަކާ ގުޅޭ ގޮތުން ފިޔޯރީ ކައުންސިލް ރައީސް ފައިސަލް ރަޝީދު "ސަން" އަށް ވިދާޅުވީ އެ ރަށްތައް ދޫކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އަދި ވަރަށް ގިނަ ދުވަސްވީ އެދުމެއްކަމަށެވެ. އަދި މިހާރުވެސް އެރަށްތަކުގައި މަސައްކަތްކުރުމަށް ރައްޔިތުންގެ ފަރާތުން ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށް ފައިސަލް ވިދާޅުވިއެވެ.

"އެއް ފަރާތުން އެބައިން މިހާރުވެސް އެތަނުން އެއް ރަށުގައި މަސް ފެކްޓަރީއެއް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފަ،" ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ތިން ރަށަކީވެސް ބިމުގެ ގޮތުން ބަލާއިރު ރަނގަޅު ސައިޒެއްގެ ރަށްތަކެއް ކަމަށެވެ. އަދި އެހެންނަމަވެސް އެ ރަށްތައް ދޫކުރުމުގެ ޕްލޭން އެއްކޮށް ނިމިފައިނުވާކަމަށް ފައިސަލް ވިދާޅުވިއެވެ.

"ބައްދަލުވުމުގައި ރައްޔިތުންގެ ހިޔާލު ހޯދާލުމަށް އެގޮތަށް އިއުލާންކުރީ، ދޭން ނިންމިކަން، ބޮޑަށް ބެލެވެނީ ޕްލޭން ނިންމައި ހުރިހާ ކަމެއް ކުރެވޭނީ، މިބުނީ ރަށްތައް ދޫކުރަން، އެވަރު ވާނީ އަންނަ މަހުގެ 15 ހާ ހިސާބުގަ ހެން،" ފައިސަލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވިގޮތުގައި ފިޔޯރީގައި ސަރުކާރުން ކަނޑައާޅާފައިވާ ލޯކަލް ޓޫރިޒަމް ސަރަހައްދުވެސް ވަރަށް އަވަހަށް ހުޅުވަން އެ ރަށު ކައުންސިލުން މަސައްކަތްކުރަމުންދާ ކަމަށެވެ.