20 Feb 2012, 12:44
އޭސީ މިލާނުގެ ސްވިޑަން ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް އަކީ އާސެނަލްގެ ކެޕްޓަން ރޮބިން ވެންޕާސީ ނަމަ، ކުލަބު ދޫކޮށްދާނެ ކަމަށް އިބްރަހިމޮވިޗް ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ އާސެނަލް އާ ދެކޮޅަށް ކުޅެ 4-0 ލަނޑުން މޮޅުވި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ކުޅުނު މެޗުގައި، މިލާނަށް ކާމިޔާބު ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދިން ކުޅުންތެރިންގެ ތެރޭގައި އިބްރަހިމޮވިޗް ހިމެނެ އެވެ. އެގޮތުން އިބްރަހިމޮވިޗް ވަނީ މިލާނުން ޖެހި ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.
ވެންޕާސީ އާއި އާސެނަލް އާ ދެމެދު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަން ނިމޭ އިރަށް ހަމަވާ އިރު، އެކުލަބުން ދަނީ ވެންޕާސީއާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެންޕާސީ ވާދަކުރަން ބޭނުން ނަމަ، އާސެނަލް ދޫކޮށް ކާމިޔާބު ކުލަބަކާއި ގުޅެން ޖެހޭ ކަމަށް އިބްރަހިމޮވިޗް ބުނެފައިވެ އެވެ.
"ކުލަބަކާ އެކު އެއްވެސް ކާމިޔާބީ އެއް ނުލިބޭ ނަމަ، ސެސް ފެބްރިގާސް ކަންތައް ކުރި ގޮތަށް ކަންތައް ކުރަން ޖެހޭނީ. ފުޓުބޯޅައިގެ މަސައްކަތް ކުރަން ޖެހޭނީ ކާމިޔާބީ ހޯދަން. ވެންޕާސީ އެހޭ ރަނގަޅަށް އަހަރެންނެއް ނުދަންނަން. އެކަމަކު އޭނާ އަކީ މިހާރު ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށް ގަބޫލުކުރަން. އަހަރެން މިއީ ވެންޕާސީ ނަމަ މިހާރު ހުންނާނީ އެހެން ކުލަބެއްގައި." އިބްރަހިމޮވިޗް ބުންޏެވެ.
އިބްރަހިމޮވިޗް އަކީ ގިނަ ކުލަބުތަކަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ފޯވާޑެއްގެ ގޮތުގައި އޭނާ އެންމެ ވިދާލީ އިންޓަމިލާނުން ނެވެ. އިންޓަމިލާންގައި އިބްރަހިމޮވިޗް ތިން އަހަރު ހޭދަކޮށްފައިވެ އެވެ. އިންޓަ އަށް ކުޅުމަށް ފަހު، 2009 ވަނަ އަހަރު ބާސެލޯނާ އާ ގުޅުނު އިބްރަހިމޮވިޗް އަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއްނުވެ އެވެ. ބާސާ އަށް ފަހު މިހާރު އިބްރަހިމޮވިޗް ފެންނަނީ އޭސީ މިލާނުންނެވެ. މިލާނުގައި އޭނާ ދަނީ ކުރީގެ ކުޅުމާއި އެއްވަރުގެ ކުޅުމެއް ދައްކަމުން ނެވެ. އިންޓަ އާ ގުޅުމުގެ ކުރިން އިބްރަހިމޮވިޗް ވަނީ އަޔެކްސް އަށާއި ޔުވެންޓަސް އަށް ވެސް ކުޅެފަ އެވެ.