30 Jul 2021, 15:51
ކުއާލަލަމްޕޫރު (ޖުލައި 30): މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން މަގާމުން އިސްތިއުފާ ދެއްވުމަށް އެގައުމުގެ ސިޔާސީ ޕާޓީތަކުން ގޮވާލި ނަމަވެސް މެލޭޝިއާގެ ޕާލަމެންޓްގެ އިތުބާރު ބޮޑުވަޒީރަށް އޮތްކަމަށް ބޮޑުވަޒީރުގެ އަރިސް ބޭފުޅެއްކަމަށްވާ އިސްމާއީލް ސަބްރީ ބިން ޔައުގޫބް ވިދާޅުވެއްޖެއެވެ.
މުހްޔިއްދީން ޔާސީން މަގާމުން އިސްތިއުފާ ދެއްވުމަށް އޭނާގެ ސަރުކާރުގައި ހިމެނޭ އެންމެ ބޮޑުޕާޓީކަމަށްވާ "އުމްނޯ"ގެ އިތުރުން އިދިކޮޅު ޕާޓީތަކުން ގޮވާލި ގޮވާލާ ގޮވާލުންތަކަށް ރައްދު ދެއްވަމުން ބޮޑުވަޒީރުގެ ނައިބުގެ މަޤާމުގައި ހުންނެވި ސަބްރީ ވިދާޅުވީ 222 މެންބަރުން ހިމެނޭ މެލޭޝިއާގެ ޕާލަމެންޓް ގެ މަދުވެގެން 110 މެންބަރުން ގެ ތާއީދު މުހްޔިއްދީނަށް އޮތްކަމުގެ ޔަގީންކަން ލިބިފައިވާ ކަމުގައެވެ.
މުޙްޔިއްދީން ގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ ޕާލަމެންޓްގެ ހަނި އަޣްލަބިއްޔަތެއް ހޯއްދަވައިގެން ހަލަބޮލިކަންބޮޑު ގޮތެއްގައި ވެރިކަން ކުރައްވަން އުޅުއްވުމެވެ. މުޙްޔިއްދީން އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުތައް މެލޭޝިއާގައި ގަދަވާންފެށީ ކޮވިޑް-19 ގެ ބަލިމަޑުކަން މެނޭޖް ނުކުރެވޭ މައްސަލާގައި މެލޭޝިޔާގެ ރަސްގެފާނު އަބްދުﷲގެ ސީދާ ފާޑުކިޔުއްވުން މުހްޔިއްދީންއަށް އަމާޒު ވެގެންދިޔުމާ ގުޅިގެންނެވެ.

މެލޭޝިއާގެ ރަސްގެފާނު އަބްދުﷲ
މެލޭޝިޔާގައި ކޮވިޑް-19 ގެ ހާލަތްތައް އާދަޔާ ޚިލާފަށް އިތުރުވެ އެބަލި ކޮންޓްރޯލް ކުރުމުގައި ސަރުކާރު ނުކުޅެދުމާއެކު ގިނަބަޔަކު އެބަލީގައި މަރުވާން ފެށުމުން މުޙްޔިއްދީންގެ އެދިވަޑައިގަތުމާއެކު ރަސްގެފާނުވަނީ މެލޭޝިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ. ނަމަވެސް ކުއްލި ޙާލަތު އިޢުލާނުކުރުމަށް ރަސްގެފާނުގެ އަރިހުން މުޙްޔިއްދީން އެދިވަޑައިގަތީ އޭނާ ވެރިކަމުގައި ދެމި ހުންނެވުމަށްޓަކައި ސިޔާސީ ފައިދާތަކެއް ހޯއްދެވުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
މިތުހުމަތުތައް ގިނަބަޔަކަށް ގަބޫލުކުރެވެން ފެށީ ކުއްލި ހާލަތު އިއުލާން ކުރުމާއެކުވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް މުހްޔިއްދީންގެ ސަރުކާރަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިނުވުމާ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ކަންތައް ކުރިޔަށްދާލެއް ދޯދިޔާ ކަމުގެ ސަބަބުންނެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމުގެ ނަމުގައި މެލޭޝިއާ ސަރުކާރުން މިދިޔަ ޖަނަވަރީ މަހު އެޅި ކުއްލި ހާލަތުގެ ފިޔަވަޅުތައް މިމަހުގެ 21 ގައި މެލޭޝިޔާގެ ސަރުކާރުންވަނީ އުވާލާފައެވެ. މެލޭޝިޔާގެ ރަސްގެފާނު މުހްޔިއްދީނަށް ފާޑު ވިދާޅުވެފައިވަނީ މުޙްޔިއްދީންގެ ސަރުކާރުން ކުއްލި ހާލަތު އުވާލީ ގާނޫނާ ޚިލާފަށް ކަން ބަޔާން ކުރައްވައި ދާދިފަހުން ރަސްގެފާނު ނެރުއްވި ބަޔާނެއްގައެވެ.
އެބަޔާނުގައި މުހްޔިއްދީންގެ ސަރުކާރުން ކުއްލި ހާލަތު އުވާލީ ރަސްގެފާނާ މަޝްވަރާ ނުކުރައްވައި އަދި ރަސްގެފާނުގެ ހުއްދަވެސް ނުހޯއްދަވައި ގާނޫނާ ޚިލާފަށް ކަމަށް ވަރަށް ސާފު އިބަރާތުން ބުނެފައިވެއެވެ. ރަސްގެފާނުގެ ބަޔާނާ ގުޅިގެން މުޙްޔިއްދީންގެ ސަރުކާރުން ބުނެފައިވަނީ ކުއްލި ހާލަތު އުވާލީ ގާނޫނާ އެއްގޮތަކަށްކަމަށް ބުނެފައެވެ. މިމައްސަލާގައި މުޙްޔިއްދީން މަގާމުން އިސްތިއުފާ ދެއްވުމަށް އެގައުމުގެ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފައެވެ. މިގޮތަށް ގޮވާލި ޕާޓީތަކުގެ ތެރޭގައި މުހްޔިއްދީން ގެ ސަރުކާރުގައި ހިމެނޭ އެންމެ ބޮޑުޕާޓީކަމަށްވާ "އުމްނޯ" ވެސް ހިމެނެއެވެ.
ރަސްގެފާނުގެ ފާޑުކިޔުން މުހްޔިއްދީން އަށް އަމާޒުވުމާއެކު "އުމްނޯ" އިން ބުނެފައިވަނީ މުހްޔިއްދީން ރަސްގެފާނަށް ނުކިޔަމަންތެރި ވެއްޖެ ކަމަށާ އެއީ ގަބޫލުކުރެވޭނެކަމެއް ނޫންކަމުގައެވެ. މިއާއެކު ބޮޑުވަޒީރުކަމުން މުޙްޔިއްދީން އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށްވެސް "އުމްނޯ" އިން ބުނެފައިވެއެވެ.
މުހްޔިއްދީންގެ ސިޔާސީ ދުޝްމަނެއްކަމަށްވާ އަދި މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ފައިނަންގަވާތާ ގިނައަހަރުތަކެއް ވެފައިވާ މެލޭޝިޔާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމުވަނީ ޕާލަމެންޓްގެ ފުރިހަމަ އަޣްލަބިއްޔަތު މިހާރު މުހްޔިއްދީނަށް ނޯންނާނެކަމަށް ވިދާޅުވެ މުހްޔިއްދީންގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ޕާލެމެންޓަށް ހުށަހަޅުއްވާފައެވެ. މިކަން އަންވަރުވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ރިޕޯޓްތައް ބުނާގޮތުން "އުމްނޯ" ގެ އޮފީހުން މުހްޔިއްދީންގެ އިސްތިއުފާއަށް ގޮވާލައި ބަޔާނެއް ނެރުނު ނަމަވެސް މެލޭޝިއާގެ ޕާލަމެންޓްގައި ހިމެނޭ "އުމްނޯ" ގެ މެންބަރުން އިތުބާރު އަދިވެސް އޮތީ މުހްޔިއްދީން އަށެވެ.